15 Jan 2014, 23:29
ރާއްޖޭގައި އަންނަ މޭމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތުގެ މަޝްވަރާތައް ކުރުމަށްޓަކައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިލްހާމް އަހުމަދާއި އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު މިރޭ ފިލިޕީންސަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.
ޗެލެންޖްކަޕަށް ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ލޯންޗްކުރި ރަސްމިއްޔާތަށްފަހު މީޑިއާ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ފިލިޕީންސަށް ކުރާ ދަތުރުގައި ސަރަހައްދުގެ ފުޓްބޯޅައިގެ އިސްވެރިންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައި ކަށެވެ. އަދި ދަތުރުގައި ތިން ދުވަސް ވަރު ވާނެ ކަމަށް ހިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ މުބާރާތް ބާއްވާ ދެ ސްޓޭޑިއަމް މަރާމާތު ކުރެވިއްޖެނަމަ މުސްތަގްބަލުގައި ރާއްޖޭގައިބައިނަލްއަގްވާމީ އިތުރު މުބާރާތްތަށް ބޭއްވޭނެ ކަމަށާއި މުބާރާތް ބޭއްވުމަށްޓަކައި އެފްއޭއެމުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މީގެކުރިން އިލްހާމް ވިދާޅުވެފައިވަނީ މުބާރާތަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ސެޕް ބްލެޓާ ވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މެއި މަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ މި މުބާރާތުގެ މެޗްތައް ކުޅޭ ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމަށް ޓަކައި ޔޫތު މިނިސްޓްރީގެ ފަރާތުން ވަނީ 71.5 މިލިއަން ރުފިޔާ އަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.