ސިޔާސީ ޕާޓީތަކުން މިހާރު ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި ސިޔާސީ ޕާޓީ އަކާ ގުޅުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ސަން އޮންލައިނަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަޖިލީހުގެ އަމީން އާންމުކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ ހުރިހާ ޕާޓީތަކާ ވެސް ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމުގެ ވަގުތު ޖެހުމުން ވިސްނާފައި އެންމެ ރަނގަޅު ނިންމުމެއް ނިންމަވާނެ ކަމަށެވެ.


"އެކަށީގެންވާ ކަމެއް [އެއީ]. ހުރިހާ ފުރުސަތުތަކެއް ވެސް އަޅުގަނޑަށް އެބަހުރި. އަޅުގަނޑަށް ބޭނުން ޕާޓީއަކަށް ގުޅުމުގެ ފުރުސަތު އެބައޮތް. ދައުވަތުތައް ވެސް އަޅުގަނޑަށް މިހާރު ލިބެމުންދޭ. އެހެންނަމަވެސް އަޅުގަނޑަކީ މުހިންމު ވިސްނުންތަކެއް ވިސްނައިގެން ސިޔާސީ ދާއިރާގައި އުޅޭ މީހަކަށް ވާތީ އެކަމުގެ ވަގުތު ޖެހުނީމާ އެ ވަގުތު ނަގަން ޖެހޭ އެންމެ ރަނގަޅު ޑެސިޝަން (ނިންމުން) އަޅުގަނޑު ނަގާންނަން،" ނަޝީދު ވިދާޅުވި އެވެ.


މިއަދުގެ އިންޓަވިއުގައި ރާއްޖޭގެ ސިޔާސީ މާހައުލުގައި ހިނގާ ބައެއް ކަންކަމާ ބެހޭ ގޮތުން ވެސް ނަޝީދު ވާހަކަ ދެއްކެވި އެވެ.


އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންތިހާބެއް ކަމަށް ގަބޫލުކުރައްވަން ދަތި ކަމަށާއި ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުން އަމަލުކުރަމުން ނުދާތީ ކަންބޮޑުވާކަމަށެވެ.


"މިހާރު ކުލަތައް މި ފެންނަ ގޮތުން އަޅުގަނޑަކަށް ހިއެއްނުވޭ މި އިންތިހާބު މިނިވަން ވެދާނެހެނެއް. މިކަން ސިޔާސީވެގެން ގޮސް ދެ ޕާޓީން ވެސް މަސައްކަތް ކުރަނީ އެ އިންތިހާބުތައް ފަތަހަ ކުރުމަށް. ފަތަހަ ކުރުމުގެ ތެރޭގައި ދެ ޕާޓީގެ ދެމެދުގައި އޮތް ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ވެސް ވަރަށް ކަންތައްތައް ހިނގާނެ. ސަރުކާރުން ގާނޫނަށް ބޯ ނުލެބުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.


ދާދިފަހުން ކުރިމިނަލް ކޯޓުން މީހެއްގެ މައްޗަށް އިއްވެވި މަރުގެ ހުކުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ މަރަށް މަރުހިފުމަކީ އިސްލާމު ދީނުގައި އެކަން އޮތްގޮތް ކަމަށާއި އެހެނަސް ޝަރުއީ ކޯޓްތަކުން ހުކުމް ކުރުމުގައި އިސްލާމީ ޝަރީއަތުގެ ކުރިން ބަލަން ޖެހޭނީ ގާނޫނު އަސާސީ އަށާއި ގާނޫނުތަކުގެ މައްޗައް ކަމަށެވެ.


"އަޅުގަނޑަށް ފެންނަ ގޮތުގައި ރާއްޖޭގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަމަލުކުރެވެމުން ދަނީ ވަރިކައިވެނީގެ މައްސަލަތަކާއި ދަރިން ލެއްވުމުގެ މައްސަލަތަކާއި ހަލޯނަތާއި ނަފަގާޔާ މިކަހަލަ ކަންކަމުގައި އެކަނި. ޝަރުއީ ކޯޓުތަކުން ކަންކަން ނިންމަން ވާނީ ގާނޫނު އަސާސީގައި އޮތް ގޮތަށް ދެން ގާނޫނުތަކާ އެއްގޮތަށް. އެއިން އެއްވެސް ގޮތަކުން ހައްލެއް ނުލިބިއްޖެ ނަމަ ދެން ބަލަން ޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.


ސަރުކާރުން ކޮންމެ ކަމެއްވެސް ސުޕްރީމް ކޯޓާ ހިސާބުން ނިންމަވާ ނިންމެވުމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ މި ސަރުކާރުން ބޭނުން ވަނީ ގާނޫނު އަސާސީގެ ބޭރުން ކަންތައްތަކެއް ކުރަން ކަމަށާއި ގާނޫނު އަސާސީ ތަފާތު ގޮތްގޮތަށް މާނަކުރަމުން މި ސަރުކާރުން އަންނަ ކަމަށެވެ.


"ގާނޫނާ ހިލާފަށް އަމަލުކުރުމުގެ ރޫހެއް މިއުޅެނީ. ގާނޫނާ އެއްގޮތަށް އުޅޭ މީހަކު އުޅޭނީ ގާނޫނުގެ މެދުން މީހުންނަށް ޝައްކު ނާރާ ހިސާބުގައި، އެކުރާ ކަމަކުން އެއްވެސް ޝައްކެއް ނުއުފެދޭނެ ހިސާބެއްގައި،" ނަޝީދު ިދާޅުވި އެވެ.


އެމްޑީޕީގެ ސަރުކާރު ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބު ކުރެވިފައިވާ ސަރުކާރަކަށް ވިއަސް މި ސަރުކާރުގެ އަމަލުތައް ހުރީ ޑިމޮކްރެސީގެ ރޫހާ ހިލާފަށް ކަމަށެވެ. އަދި ސަރުކާރުން ކަންކުރުމުގައި އިންސާނީ ހައްގުތަކަށް އަރައި ނުގަނެވޭ ގޮތަކަށް ނިންމުންތައް ނިންމުމަށް ސަރުކާރަށް އޭނާ ގޮވައިލެއްވި އެވެ.


"ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތާ ހިލާފަށް މި ސަރުކާރުން އެތައް ކަމެއް އެބަކުރޭ. ޑިމޮކްރަސީގެ އަސްލު އުސޫލުތަކާ އެއްގޮތަށް މި ސަރުކާރުން އަމަލުކުރާ އަމަލުކުރުން ފެންނަނީ ނިސްބަތުން މަދުކޮށް. އަޅުގަނޑު މިދަނީ އެ ވާހަކަ ދައްކަމުން." ނަޝީދު ވިދާޅުވި އެވެ.