15 Jan 2014, 23:21
މިނިވަން މުއައްސަސާތަކުން ރައްޔިތުންނަށްދޭ ޚިދުމަތްތައް އަވަސްކޮށް، ހަލުވިކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ އަމީން ދެއްކެވި ވާހަކަފުޅުގައި، މިނިވަން މުއައްސަސާތަކުން ޢާންމު ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް މިހާރަށް ވުރެ ހަލުވިކަމާ އެކު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި އެ ޚިދުމަތްތައް ދެއްވުމުގައި އެ މުއައްސަސާތަކަށް ކުރިމަތިވެފައި ހުރި ދަތިތަކަކީ ކޮބައިތޯ ބައްލަވައި އެ ދަތިތައް ޙައްލުކުރެއްވުމަށް ސަރުކާރުން ކޮށްދެއްވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގައި އަމީން ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ އެކިއެކި އޮފީސްތަކުން ޢާންމުންނަށްދޭ ޚިދުމަތްތައް ދިނުމުގައި މިހާރުން މިހާރަށް އިޞްލާޙު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކާ ގުޅޭގޮތުން ސިވިލް ސަވިސް ކޮމިޝަނާއި މިނިސްޓްރީތަކުގެ ޕަމަނަންޓް ސެކްރެޓަރީންނާ މީގެ ކުރިން ބައްދަލުކުރައްވައި އެކަންކަން އިޞްލާޙު ކުރެއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައި މިނިސްޓަރު އަމީން ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިނިވަން މުއައްސަސާތަކަށް ޢާންމުން ފޮނުވާ ސިޓީތަކަށް ޖަވާބު ދެއްވުން އަވަސްކުރެއްވުމާއި ފޯނުކޯލްތަކަށް އަވަހަށް ޖަވާބު ދެއްވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެއްވުމާއި ޢާންމުންނަށް ފަސޭހައިން މަޢުލޫމާތު ލިބޭނެ މަގުތައް ތަނަވަސްކުރުމާއި އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ، މިހާރުން މިހާރަށް ވެސް ކުރަންޖެހޭ ކަންކަން ކަމުގައި މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވި އެވެ. އަދި މިކަންކަން ތަންފީޛު ކުރުމުގައި، މިނިވަން މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެ، މިކަންކަން ރަނގަޅުކޮށްދެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.