ރާއްޖޭގައި ހެދޭ އެކި ވައްތަރުގެ ފަތްޕިލާވެއްޔާއި ގަސްގަހާގެހި ހިމެނޭ ދާރުލް އާސާރެއް އެޅުމަށް އެގްރިކަލްޗަރު މިނިސްޓަރީން ނިންމައިފި އެވެ.

މިނިސްޓަރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ ހިތްތަކުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށްޓަކައި ރާއްޖޭގައި ހުންނަ އެކި ވައްތަރުގެ ފަތްޕިލާވެލި ހިމެނޭ ދާރުލް އާސާރެއް ނުވަތަ "ހާބޭރިއަމް" އެއް އެޅުމުގެ މަސައްކަތް އެ މިނިސްޓްރީގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ އިމާރާތް ބަޔަކާއި ހަވާލުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހާބޭރިއަމް އެޅުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ކޮމާޝިއަލް ހާބަރު ކައިރިން މިނިސްޓްރީއަށް ލިބިފައިވާ ބިމެއްގައި. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އެ އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާގެ ޓެންޑާއަށް ހުޅުވާލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ ސްކޫލު ދަރިވަރުންނަށާއި އާއްމުންނަށް ވެސް ވަދެވޭ ގޮތަށް ފަރުމާކުރާ އެ އިމާރާތުގައި ޒަމާނުއްސުރެ ރާއްޖޭގައި ހެދެމުން އަންނަ ގަސްގަހާގެހީގެ ބާވަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ބަޔާއި އަދި ގަސްގަހާއި ބެހޭ ދިރާސާތައް ކުރާނޭ ބައެއް ވެސް ހެދޭނެ ކަމަށެވެ.

ދިވެހި ރުއްތަކަށް ކުރިން ބަލި ޖެއްސި "ކޮކޮނެޓް ހިސްޕިޑް" ނަމަކަށް ކިޔާ ރުކުމަޑީގެ ބާވަތެއް އަލުން ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާތީ އެކަމާއި ބެހެގޮތުން މިނިސްޓަރު ވިދާޅުވީ، އެ މަޑި ރާއްޖޭގައި ހަލުވި ކަމާއި އެކުގައި އަލުން ފެތުރެމުންދާތީ މިނިސްޓްރީގެ ކަމާއި ބެހޭ މުވައްޒަފުން މަޑި ފެތުރިފައިހުރި ސަރަހައްދުތަކާއި ފެތުރެމުންދާ ގޮތްތައް ހޯދުމަށްޓަކައި މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މަޑި ހަލުވިކަމާއި އެކު ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މާދަމައިން ފެށިގެން އިއުލާން މިކުރަނީ އަޅުނގަޑުމެންނަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ރުކުގެ އެއްވެސް ބާވަތެއް ބަލިޖެހިފައިހުރި ރަށަކުން އެހެން ރަށަކަށް ގެންދިއުން މަނާކުރުމަށްޓަކައި. އެއީ ކަރަންޓީނު ކުރަނީ، އަދި ކަރަންޓީނުން ނަގާނީ އެކަންތައް ކޮންޓްރޯލް ކުރެވުނީމަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގުދުރަތީ ގޮތުން އެ މަޑި ކޮންޓްރޯލް ކުރުމަށް ކުރިން ބޭނުންކުރި ބައިލޮޖިކަލް އެޖެންޓްވެސް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް އެ އެޖެންޓް އާލާކޮށް ދިރުވުމަށްޓަކައި ޗައިނާގެ ފަރާތުން އެހީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމާއި ބެހޭ އެގައުމުގެ ވަފުދެއް މާޗް މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޗައިނާއިން މިދެނީ ޓެކްނިކަލް އެސިސްޓަންސްއެއް އެކަން ކުރަން. އަޅުނގަޑުމެންގެ އެބަތިބި ޓެކްނިކަލް ސްޓާފުން އެކަންތަކުގައި ހަރަކާތްތެރިވާން. އެބޭފުޅުން ގެނެސްދޭނީ އެ އެޖެންޓް. އެ އެއްޗެހި އާލާކުރުމަށް ބޭނުންވާ ލެބްތަކާއި މަސައްކަތް މިނިސްޓްރީގެ ހަރަދުގައި ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ބުނީ އެ މަޑި ކޮންޓްރޯލް ކުރުމަށް ކެމިކަލް ބޭނުންކުރެވެން އޮތް ނަމަވެސް އެކެމިކަލުގެ ސަބަބުން ބައިލޮޖިކަލް ކޮންޓްރޯލް އެޖެންޓަށާއި ރުކުގެ މޭވާ އަށްވެސް ގެއްލުންތަކެއް ލިބިގެންދާ ކަމަށެވެ.

ހިސްޕިޑް މަޑިއަކީ ރުކުގެ ބޮންތީގެ ތެރެއަށް ބިސްއަޅައިގެން ފަތުގެ ދިޔަ ބޮއެގެން ބޮޑުވާ މަޑިއެއް ކަމުން، އޭގެ ސަބަބުން ރުކުގެ ފަންތައް މުށިކުލައަށް ބަދަލުވެ، ރަށުގެ މަލަމަތި ބަދަލުވެގެންދެ އެވެ. އަދި އޭގެ އިތުރުން ރުއް ހެދިބޮޑުވުމަށް ވެސް އަސަރުތަކެއްކޮށް ރުކުން ލިބޭ ކާށީގެ ނިސްބަތް ވެސް މަދުވެގެންދެ އެވެ.

އަރިއަތޮޅުގެ ރަށްތަކުގައި 2000ގެ އަހަރުތަކުގައި ފެތުރެން ފެށި "ކޮކޮނޮޓް ހިސްޕިޑް" އަކީ ފުޑް އެންޑް އެގްރިކަލްޗަރު (އެފްއޯއޭ)ގެ ޕްރޮގްރާމެއްގެ ދަށުން 2003 ވަނަ އަހަރު ހައްލު ހޯދާފައިވާ ރުކު މަޑީގެ ބާވަތެކެވެ.