15 Jan 2014, 20:52
ލ. ގަމުގެ ނަރުދަމާ ނިޒާމް ގާއިމު ކުރުމަށްޓަކައި މާލޭ ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފި އެވެ.
ގަމުގައި ނަރުދަމާ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީއާ ދެމެދު 85 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ މަޝްރޫއު ނިންމައި ހަވާލުކުރަން ދީފައިވާ މުއްދަތަކީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ގަމުގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމް އެވެ. އެ ރަސްމިއްޔާތުގައި ލ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި ގަމު ކައުންސިލްގެ ނާއިބު ރައީސް ހުސައިން ހަލީމާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރާއި އެމްޑަބްލިޔުއެސްސީގެ އިސް ވެރިން ވެސް ބައިވެރިވެވަޑައި ގެންނެވި އެވެ.
ލ. އަތޮޅުގައި ހުންނަ ސަންގެ ކަރެސްޕޮންޑެންޓް އަލީ ވާފިރު ބުނީ، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސާއި ގަމު ކައުންސިލްގެ ނާއިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ލ. އަތޮޅަކީ މިހާރު ވެސް ބޯފެނުގެ މައްސަލަ އާއި ކުނީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ކަރަންޓުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ތަހައްމަލު ކުރަން ޖެހިފައިވާ އަތޮޅެއް ކަމަށެވެ. އަދި މި އަތޮޅުގެ ތިން ރަށެއްގައި ނަރުދާމާގެ ނިޔާޒު ގާއިމު ގާއިމުކޮށްފައިވާ އިރު އެ ތަންތަން ރަނގަޅަށް ނުބެލެހެއްޓޭ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ، ރައްޔިތުންގެ އަޑު އިވިއްޖެ ކަމަށާއި އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގަމަށް ދިމާވެފައިވާ ކުނީގެ މައްސަލަ އާއި ފެނުގެ މައްސަލައަށް ވެސް ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނޭ ކަމަށެވެ.
ގަމުގެ ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު އިފްތިތާހު ކުރި ނަމަވެސް މަސައްކަތާ ހަވާލުވެފައިވާ އެމްޑަބްލިޔުއެސްސީ އާއި މަޝްރޫއުގެ ކޮންސަލްޓަންޓް ކަމަށްވާ ޖަރުމަނުގެ ހައިޑްރޯޕްލޭން އިން ވަނީ މިހާރު ވެސް މަސައްކަތްތައް ފަށައިގެން މަޝްރޫއުގެ 25 ޕަސެންޓް މަސައްކަތް ނިންމައިފަ އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ވަގުތު އޮތް ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ މަޝްރޫއު ނިންމައި އޭގެ ހިދުމަތް ގަމުގައި ދިރިއުޅޭ ރައްޔިތުންނަށް ދެވޭވަރުވާނޭ ކަމަށެވެ.