އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ސޮއި ކޮށްފައި ވަނީ 81 ލިސްޓުގައި ކަމަށް އިލެކްޝަންސް ކޮމިޝަން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 464 ވޯޓް ފޮށި ނުވަތަ ލިސްޓް އޮންނާނެ ކަމަށާއި އޭގެ ތެރެއިން ސްޕްރީމް ކޯޓުގެ ގައިޑްލައިނާ އެއް ގޮތަށް އިންތިހާބު ބޭއްވޭނީ 81 ފޮށީގައި ކަމަށެވެ.

"ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުނސިލް އިންތިހާބުގައި ބަހައްޓާ ވޯޓް ފޮށި ތައް ނުވަތަ ވޯޓް ފޮށިތައް ކައިރީ ބާއްވާ ލިސްޓް ތަކުގެ ތެރެއިން ސޮއި ކޮށްފައި ވަނީ 81 ލިސްޓުގައި. މުޅި ޖުމްލަ 464 ލިސްޓް ނުވަތަ 464 ވޯޓް ފޮށި ބަހައްޓާނެ. 383 ލިސްޓުގައި ހުރިހައި ކެންޑިޑޭޓުން ސޮއި ކޮށްފައެއް ނުވޭ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ވޯޓް ލާން ޖެހޭ 464 ވޯޓް ފޮށީގެ ތެރެއިން އެންމެ 81 ވޯޓް ފޮށީގައި އިންތިހާބު ބޭއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން ކުރިން ވެސް ކޮމިޝަން ނިންމާފައިވާ ގޮތަށް އަންނަ ހޮނިހިރު ދުވަހު އިންތިހާބު އޮންނާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ 543 މިނިވަން ކެންޑިޑޭޓުން ވާދަ ކުރާ އިރު ލިސްޓު ތަކުގައި ސޮއި ކޮށްފައި ވަނީ 147 ކެންޑިޑޭޓުން ކަމަށެވެ. އަދި 396 ކެންޑިޑޭޓުން ލިސްޓު ތަކުގައި ސޮއި ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީ ތަކުން ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމް ފިޔަވައި ހުރިހައި ސިޔާސީ ޕާޓީތަކެއްގެ ކެންޑިޑޭޓުން ލިސްޓު ތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމް އިން ސޮއި ކޮށްފައި ވަނީ 62 ލިސްޓުގައި ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ހުރިހައި ކެންޑިޑޭޓުންގެ ސޮއި ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ މުސްތަޙިއްލު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ލިސްޓު ތަކުގައި ސޮއި ކުރަން ބޭނުން ނުވާ ކެންޑިޑޭޓުން ވެސް އެބަ ތިބި ކަމަށާއި އެހެން ކަމުން އެއްވެސް ކެންޑިޑޭޓެއް ލައްވައި ގަދަކަމުން ސޮއި ކުރުވުން އެއީ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ކެންޑިޑޭޓުން ލިސްޓު ތަކުގައި ސޮއި ނުކޮށްގެން އިންތިހާބު ފަސް ކުރަން ޖެހުމަކީ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެގެން ދާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ފަސް ކުރަން ޖެހޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އެހެން ކަމުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ފސް ކުރުމަކީ ދައުލަތުގެ އެއް ވެސް ފަރާތަކުން ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ފުއާދު ވިދާޅުވި އެވެ.