ކަސްބީ އަންހެނުންތަކާއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑް ކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުން ދިގުލައިގެން ގޮސް "ވޯޓަށް ނާހައި" ބައްދަލުވުން ނިންމާލައިފި އެވެ.

ޖޭއެސްސީގެ ކުޑަ ކޮމެޓީގެ އިއްތިފާގުން ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑު ކުރަން ނިންމާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ޖޭއެސްސީން "އެއްވީ" މިއަދު މެންދުރުފަހު 2:00 ޖެހިއިރު އެވެ. އެ ބައްދަލުވުން މިއަދު ހަވީރު 4:00 ޖަހަންދެން ދިގުލައިގެންދިޔަ އެވެ.

ދިހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުން ދިގުލައިގެން ދިޔައީ މެމްބަރުންގެ ބަހުސް ކުރެއްވުމުގެ ތެރޭގަ އެވެ. ހޫނު ބަހުސްތަކަށްފަހު ބައްދަލުވުން ނިންމާލީ ވަގުތު ނެތިގެން ވޯޓަށް ނާހަ އެވެ.

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ ޖޭއެސްސީގެ މިއަދު ބައްދަލުވުމުގައި އަލީ ހަމީދު ސަސްޕެންޑު ކުރުމަށް ވޯޓަށް ނޭހި ނަމަވެސް ދެން އޮންނަ ބައްދަލުވުމެއްގައި އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ތަފާތު ހިޔާލުތަކެއް ފާޅުކުރެއްވި ކަމަށާއި ނަމަވެސް މެމްބަރުންގެ ވާހަކަތަށް ހުރި ގޮތުން އަލީ ހަމީދު ސަސްޕެންޑު ކުރުމާމެދު ނަތީޖާ އަންނާނެ ގޮތެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމިޓީން އަލީ ހަމީދު ސަސްޕެންޑް ކުރަން ނިންމީ މިދިޔަ މަހު އެވެ. ކޮމިޓީން އެގޮތަށް ނިންމީ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ފަނޑިޔާރު ކަމުގައި އޭނާ ހުންނެވުމުން މުއައްސަސާތަކަށް އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްތައް ކުރިމަތިވެފައިވާތީ އެވެ.

ޖޭއެސްސީގެ ތަހްގީގު ކޮމިޓީއަށް ވެސް ހާޒިރުވެވަޑައިގަތުމަށް އަލީ ހަމީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭނާ އެ ކޮމެޓީއަށް ވަޑައިގަތުމަށް އެންގުމުން ވެސް އޭނާ ކޮމިޓީއަށް ހާޒިރުވެވެޑައި ނުގެންނެވި އެވެ.

ރާއްޖެ އިން ބޭރުގެ ހޮޓަލެއް ކަމަށް ބެލެވޭ ތަނެއްގައި އަލީ ހަމީދު ކަސްބީ އަންހެނުންތަކާއެކު ޖިންސީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އަލީ ހަމީދުގެ ފެންނަ އެއް ވީޑިއޯއެއްގައި ދޮން އަންހެން ކުއްޖަކާއެކު "ވައިޓް ވައިން" ފުޅިއެއްގެ ވާހަކަ ވެސް ދައްކަ އެވެ. އަދި އެ ދެ މީހުން ހޮޓަލުގެ ރޫމްގެ މިނީ ބާއާ ދިމާލަށް ދާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެ އެވެ.