މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާ ކަމަށާއި އަދި ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ވެސް މާޒިޔާއާ ގުޅުމަށް ތައްޔާރުވަމުންދާކަމަށް އެ ކްލަބުން ބުނެފި އެވެ.

ކްލަބު އީގަލްސް އިން 2012 ވަނަ އަހަރުގެ ފަހުކޮޅު މާޒިޔާއަށް ސޮއިކުރި ބަކާއަކީ އެކްލަބުގެ އިތުރުން ގައުމީ ޓީމުގައި ވެސް މިވަގުތު ހުރި އެންމެ އިތުބާރު ހިފޭ އެއް މިޑްފީލްޑަރެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު މިއަދު ސަން އަށް ވިދާޅުވީ، ބަކާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސް ވުމުގެ މުއްދަތު އިތުރުކުރީ އެއް އަހަރުދުވަހުގެ މުއްދަތަށް ކަމަށެވެ.

"ބަކާ މި ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް މިވަނީ އެއް އަހަރު ދުވަހުގެ މުއްދަތައް އިތުރުކޮށްފައި. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ސީޒަން ފެށެންވާއިރަސް އިތުރު ކުޅުންތެރިން ވެސް ހޯދަން،" ވައްހާބު ވިދާޅުވި އެވެ.

މާޒިޔާއިން ދަނީ، މި ފެށޭ ސީޒަނަށް އެ ކްލަބުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ގައުމީ ޓީމާއި ނިއުގެ ކުރީގެ ޑިފެންޑަރު ރިލްވާން ވަހީދު ވެސް އެޓީމަށް ގެންދިއުމަށް މަޝްވަރާތައް ކުރަމުންނެވެ. ނިއު އިން ރިލޭއާ އެކުވެފައިވާ އެއްބަސްވުން އިއްޔެ އުވާލާފައިވަނީ، އަހްލާގީ މައްސަލައެއްގައި ކަމަށް އެ ކްލަބުންވަނީ ބުނެފަ އެވެ.

"ރިލޭގެ ސޮއި ހޯދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މިގެންދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ މިރޭގެ ވަގުތެއްގައި ރިލޭ ސޮއިކުރާނޭ ކަމަށް މިބަލަނީ،" ވައްހާބު ވިދާޅުވި އެވެ.

ވައްހާބު އިތުރަށް ވިދާޅުވީ، މާޒިޔާއަށް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަ ގެންދާ ކަމަށާއި އެގޮތުން ކުރިން އެޓީމަށް ކުޅުނު ބިދޭސީ ޑިފެންޑަރު ޖިފްކޯ ދިނޭފްގެ އިތުރުން ބިދޭސީ ފޯވާޑެއް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދާ ކަމަށެވެ.

މާޒިޔާއިން ވަނީ އެކުލަބުގެ ގިނަ ކުޅުންތެރިން ތަކެއްގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެތެރޭގައި ސަމްދޫހު މުހައްމަދު، އަސަދުﷲ އަބްދުﷲ، އަހްމަދު ނާޝިދު، ގޯލްކީޕަރު އިމްރާން، އަހްމަދު ޝިޔާމް، އަހްމަދު މުހައްމަދު، އަދި އިބްރާހިމް އަބްދުﷲ ހިމެނެ އެވެ.

މާޒިޔާއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި އޭވައިއެލްއަށް މިދިޔަ ސީޒަންގައި ކުޅުނު ސިއެރަލިއޯން ފޯވާޑް އަބޫ އެސްމޮންޑް މަންސާރޭއާއި މިދިޔަ ސީޒަންގައި ނިއު އަށް ކުޅުނު ޒުވާން ފޯވާޑް މޫސާ ޔާމީން ހިމެނެ އެވެ.

މިއަހަރުގެ އޭއެފްސީ ކަޕުގައި ވެސް ރާއްޖެ ތަމްސީލުކުރާ މާޒިޔާ އިން ކްލަބު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާއިރު އެ ކްލަބުގެ އިތުބާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ވަނީ ވާދަވެރި ނިއު ރޭޑިއަންޓާ ގުޅިފަ އެވެ.