އަންނަ މޭމަހު ރާއްޖޭގައި ބާއްވާ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތާއެކު ރާއްޖޭގެ ޓޫރިޒަމާއި އިގްތިޞާދަށް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަހީލް ޖަމާލް ވިދާޅުވެއްޖެ އެވެ.

ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗުތައް ކުޅޭ ދެ ދަނޑުގެ ތެރެއިން ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ލޯންޗްކުރުމަށްފަހު މިނިސްޓަރު ވިދަޅުވީ، ކުޅިވަރު ތަރައްގީކޮށް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި މުބާރާތް ބޭއްވުއްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ފަރާތުން ކުރާން މިހާރު އޮތީ ތައްޔާރަށް ކަމަށެވެ. އަދި މުބާރާތް ބެލުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ބޭފުޅުންނާއި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ރާއްޖެ އައުމުން އިތުރަށް ރާއްޖެ މަޝްހޫރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސަރުކާރަކީ ޒުވާނުންނާ ގުޅޭ ސަރުކާރެއް. މުބާރާތާއެކު ރާއްޖެ އިތުރަށް މަޝްހޫރުވެގެންދާނެ. މުބާރާތުގެ ފައިދާ ހުރިހާ ދިވެހިންނަށް ކުރާނެ" މިނިސްޓަރު ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ އިތުރުން މިމުބާރާތުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތް ރޭ ވަނީ ރަސްމީކޮށް ފަށައިފައެވެ.

މެއި މަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅޭ ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމަށް ޓަކައި ޔޫތު މިނިސްޓުރީގެ ފަރާތުން ވަނީ 71.5 މިލިއަން ރުފިޔާ އަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމަށްޓަކައި މުބާރާތުގެ ގުރުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، އަދި ތުރްކުމަނިސްތާނުގެ އިތުރުން ބަނގްލްދޭޝް އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.