13 Dec 2010, 11:36
ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް "ސިއްރު ބައްދަލުވުމަކަށް" ދައުވަތު ދެއްވާފައި ނުވާނެ ކަމަށާއި އަދި އެ ދެ ބޭފުޅުންގެ ނަންފުޅުގައި ޖީއެމްއާރުން ޓިކެޓެއް ނަގާފައި ނޯންނާނެ ކަމަށް ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އެންޑްރޫ ހެރިސަން ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރުން ތަސްމީނަށާއި ޝާހިދަށް ދެއްވި ކަމަށް ބުނާ ޓިކެޓުގެ މައްސަލައާ ގުޅޭ ގޮތުން ސަން އޮންލައިންނަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެންޑްރޫ މިއަދު ވިދާޅުވީ، ޖީއެމްއާރުން އެއްވެސް ބަޔަކާ އެކު ސިއްރު ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިނުވާނެ ކަމަށާއި އަދި އެފަދަ ކަމެއް ކުރުމަށް މަސައްކަތްކޮށްފައި ވެސް ނޯންނާނެ ކަމަށެވެ. އަދި ޖީއެމްއާރުން އެއާޕޯޓު ހިންގުމާ ހަވާލުވުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދާތީ، މައި އިދިކޮޅު ލީޑަރުންނާ ބައްދަލުކުރައްވައި "ރިޝްވަތު" ހުށަހަޅުއްވަން ޖީއެމްއާރުން މަސައްކަތްކުރި ކަމުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އެންޑްރޫ ވިދާޅުވީ، "އެ ބުނާ ޓިކެޓުތަކާ ޖީއެމްއާރާ އެއްވެސް ގުޅުމެއް ނެތް" ކަމަށެވެ.
ޝާހިދާއި ތަސްމީނަށް ޖީއެމްއާރުގެ ނަމުގައި ނެގި ކަމަށް ބުނާ އީ- ޓިކެޓުތަކަކީ ސައްހަ ޓިކެޓުތަކެއް ކަމަށް ސްރީ ލަންކަން އެއާލައިންސުން ކަށަވަރުކޮށްދީފައިވާ އިރު، އެ ޓިކެޓުތަކުގައި "ޖީއެމްއާރު"ގެ ނަން ހިމެނިފައި ވަނީ، ކިހިނެއްތޯ ދެންނެވުމުން އެންޑްރޫ ވިދާޅުވީ، އެއީ "ޖީއެމްއާރުން ނެގި ޓިކެޓެއް ކަމަށް އެއްވެސް ފަރާތަކުން ނުބުނާ" ކަމަށެވެ. އަދި އެ ދެ ޓިކެޓާ ޖީއެމްއާރާ އެއްވެސް ގުޅުމެއް ނެތްކަން ތަކުރާރުކުރައްވަމުން އެންޑްރޫ ވިދާޅުވީ، އެ ދެ ޓިކެޓާ ބެހޭ މައުލޫމާތު އޮޅުން ފިލުވައިދޭން ޖެހޭނީ އެ އެއްޗެއްސާ ގުޅުން ހުރި ފަރާތްތަކުން ކަމަށެވެ.
އެ ޓިކެޓުގައި "ޖީއެމްއާރު"ގެ ނަން އޮތީ ކީއްވެގެންތޯ ސްރީ ލަންކަން އެއާލައިންސުން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖާ ދައްމިކަ ކުލަތުންގޭ އަށް ސުވާލު ދެންނެވުމުން އޭނާ ވެސް ވިދާޅުވީ، އެ ޓިކެޓުގައި ޖީއެމްއާރު އޮތީ ކީއްވެގެން ކަމެއް އޭނާ އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޓިކެޓުގައި ޖީއެމްއާރް ޖަހާފައި އޮތުމުން އެއީ ޖީއެމްއާރުން ގަނެފައިވާ ޓިކެޓެއް ކަން ސާބިތުނުވާ ކަމަށާއި އެ ކުންފުނިން ހަމައެކަނި ކަށަވަރުކޮށްދޭނީ އެ ޓިކެޓަކީ ސައްހަ އެއްޗެއް ކަމަށް ދައްމިކަ ވިދާޅުވި އެވެ.
ސަން އަށް ދެއްވި އިންޓަވިއުގައި އެންޑްރޫ މިއަދު އިތުރަށް ވިދާޅުވީ، "ރާއްޖޭގެ ޕޮލިޓިކްސް ތެރެއަށް ވަންނަން އެ ކުންފުނިން ބޭނުން ނުވާ" ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ ކުންފުނީގެ ބިޒްނަސް ކުރިއެރުވުމަށް ކަމަށާއި އެއީ މާލޭ އެއާޕޯޓް ތަރައްގީ ކުރުން ކަމަށެވެ.
އަދި ކުންފުންޏާ ބެހޭ މީޓިންތައް ބާއްވާނީ އާއްމުންނަށް އެނގޭ މާހައުލެއްގައި ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
ނަމަވެސް، އިދިކޮޅު ޕާޓީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވަމުން ގެންދަވަނީ، ޖީއެމްއާރުން ތަސްމީނާއި ޝާހިދަށް ރިޝްވަތު ދެއްވަން އެ ދެބޭފުޅުންނަށް ދިއްލީއަށް ވަޑައިގަތުމަށް ދެކޮޅު ޓިކެޓު ދެއްވި ކަމަށާއި ޖީއެމްއާރް ބޭފުޅުންނާ ބައްދަލުކުރެއް ވުމަށް އެ ދެބޭފުޅުން ކޮލޮމްބޯއަށް ވަޑައިގަތުމަށް ފަހު، ދިއްލީ އަށް ވަޑައިނުގަނެ އެނބުރި މާލެ ވަޑައިގަތީ ޑީއާރްޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އެބޭފުޅުންނަށް ގުޅުއްވުމުން ކަމަށެވެ.