ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ ތަކެއް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.

މަޖިލީހުގެ ރައީސް މިގޮތަށް ނިންމެވީ ދައުރުން ބޭރުގައި މަޖިލީހުގެ ޚާއްސަ ޖަލްސާތަކެއް ބާއްވައި ދިނުން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ 27 މެންބަރަކު ސޮއި ކުރައްވައި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުއްވާފައި ވާތީއެވެ.

ޕީޕީއެމް ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓް ސަރުކާރުން ހުށަހެޅި މިންވަރަށް ވުރެ އިތުރުކޮށް މަޖިލީހުން ފާސްކޮށްފައިވާއިރު ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށްޓަކައި ހުށަހެޅިފައިވާ ކަންކަމަށް މަގުފަހިކުރުމަށް ސަރުކާރުން ފޮނުއްވި ބިލްތައް ފާސްނުވަނީސް މިދިޔަ އަހަރުގެ ފަހު ދައުރު ނިމިފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ދެ މަސް ވެގެންދާއިރު ވެސް އެކަމަށް ހައްލެއް ނުލިބި އޮތުމަކީ ބަޖެޓް ތަން ފީޒުކުރުމަށް އޮތް ވަރަށް ބޮޑު ހުރަހަކަށް ވާނެ ކަމަށާއި އެކަމުގެ ގެއްލުން ދައުލަތާއި، ރައްޔިތުން ތަޙައްމަލު ކުރަންޖެހޭނެ ކަމަށެވެ.

އެހެންކަމުން އެކަން ހައްލު ކުރުމަށްޓަކައި، ސަރުކާރުން ފޮނުއްވާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހުގެނައުމުގެ ބިލާމެދު މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި ވެވަޑައިގެންއަވަސް ފުރސަތެއްގެ ތެރޭގައި ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާ ތަކެއް ބާއްވައި ދިނުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިސެސް ތެރޭގައި، ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ގަވައިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކުރެވިފައިވީނަމަވެސް، އެ ހުށަހެޅުން ހުށަހެޅޭތާ، 14 ދުވަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭނެ ގޮތް ހަމަޖައްސައި، އެޖަލްސާތައް ބާއްވަން ވާނެ ކަމަށެވެ. އަދި އެމާއްދާގެ ބޭނުމަށްޓަކައި 14 ދުވަސް ގުނާނީ ބަންދު ދުވަސްތައްވެސް ހިމަނައިގެން ކަމަށެވެ.

އެހެންކަމުން އެސިޓީގައި އެދިވަޑައިގެންފައިވާ ބިލުތަކުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށްޓަކައި އެޖަލްސާތަކުގެ ނޯޓިސް މަޖިލީހުގެ ރައީސް މިއަދު މެންބަރުންނަށް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.