ޓްރޮފިކް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ އެކު ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސްޕޮންސާޝިޕް އެގްރީމެންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޓްރޮޕިކް އިންވެސްޓްމަންޓް އިން ނިއުއާ އެކު ސޮއިކުރުމުން އެކްލަބުގެ ޖާޒީގައި ޓްރޮޕިކް އިންވެސްޓްމަންޓްގެ 'މޯލްޑިވްސް ޝިޕްޔާޑް'ގެ އިޝްތިހާރެއް ހިމެނޭނެ އެވެ. ނިއުގެ ފަރާތުން އެގްރީމެންޓްގައި ސޮއިކުރީ ކްލަބްގެ ޗެއާމަން އަލީ ވަހީދު (ބަލަކު) އެވެ. އަދި ޓްރޮޕިކް އިންވެސްޓްމަންޓްގެ ފަރާތުން އެގްރީމެންޓްގައި ސޮއިކުރީ ޖެނެރަލް މެނޭޖަރު ވެޓިގާ މުފީދު އެވެ.

ނިއު އާއި ޓްރޮޕިކް އިންވެސްޓްމަންޓް އާއި ދެމެދު ސޮއިކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެގްރީމެންޓެއްގަ އެވެ. ނިއު އާއެކު ބޮޑެތި ގިނަ ކުންފުނިތަކަކުން ވެސް ސްޕޮންސާކުރުމަށް ކުރިން އެއްބަސްވެފައިވެ އެވެ. އެގޮތުން މައިލޯ އާއި އެސްޓީއޯ އާއި މީޑިއާނެޓް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކެއް ވެސް ހިމެނެ އެވެ.

ނިއުއިން ވަނީ ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި މުހުތާރު ނަސީރު (ޓޫކިލޯ) ވެސް މިފަހަރު ހޯދައިފަ އެވެ. އަދި މިދިޔަ ސީޒަންގައި ނިއު އަށް ކުޅުނު މުހިންމު ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރު އާއި އަހުމަދު ނިޔާޒް (ނިޔާ) އާއި އާއި އަހްމަދު އަބްދުﷲ (ލިލީ) އަދި އިމްރާން މުހައްމަދުގެ ކޮންޓުރެކްޓުވެސް ވަނީ އާކޮށްފަ އެވެ.

މިދިޔަ ސީޒަންގައި ނިއުއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ދިރާގު ދިވެހި ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ނިއު އިން ވަނީ މި އަހަރުގެ އޭއެފްސީ ކަޕްގައި މޮޅު ކުޅުމެއް ދައްކާ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

މިއަހަރުގެ ސީޒަނަށް ނިއު އިން ކުރިމަތިލާނީ، ދިވެހި ލީގާއި ޕްރެޒިޑެންޓް ކަޕް މިލްކު ކުރުމުގެ އަޒުމުގައި ކަމަށް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.