15 Jan 2014, 15:12
މެންޗެސްޓާ ސިޓީގެ އަނިޔާވެފައިވާ ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ ނެތްތަން އެކްލަބުން ފެންނާނެ ކަމަށް ސިޓީގެ ކޯޗު މަނުއެލް ޕެލެގްރިނީ ބުނެފި އެވެ.
ނަސްރީ އަށް އަނިޔާވީ މިދިޔަ ހޯމަ ދުވަހު ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގަ އެވެ. އެމެޗުގައި ނަސްރީގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ ނިއުކާސަލްގެ މަޕޫ ޔަންގާ-އެމްބިވާ ކުރި ފައުލަކާއި ގުޅިގެންނެވެ. ނަސްރީ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް އަށްމަސް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހެނެ އެވެ. މިސީޒަނުގައި ސިޓީގެ ފަރާތުން ފެންނަ މޮޅު ކުޅުމުގެ ފަހަތުގައި ނަސްރީގެ އިސް ދައުރު ފާހަގަކޮށްލެވެ އެވެ.
"ނަސްރީ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރެމެން އުންމީދުކުރަނީ ވީހާ ވެސް އަވަހަކަށް އަނިޔާ އިން ސަލާމަތް އޭނާ އަލުން ކުޅުމަށް އެނބުރި އަންނާނެ ކަމަށް. ނަމަވެސް ނަސްރީ އަނިޔާއިން އެންމެ އަވަހަށް ވެސް ސަލާމަތްވާން ހައެއް ނުވަތަ ހަތް ހަފްތާ ނަގާނެ. އޭނާ ނެތްތަން ސިޓީއިން ފެންނާނެ." ސިޓީގެ ކޯޗު ޕެލެގްރިނީ ބުންޏެވެ.
ނަސްރީ އަށް އަނިޔާވި އިރު، އެކްލަބުގެ އެންމެ މުހިންމު ފޯވާޑް ސާޖިއޯ އަގުއެރޯގެ އަނިޔާ އިން ސަލާމަތްވެ އޭނާ ދަނީ ހާއްސަ ފަރިތަކުރުންތަކެއް ކުރަމުންނެވެ. އެފްއޭ ކަޕްގައި މިރޭ ބްލެކްބާން ރޮވާސް އާއި ދެކޮޅަށް ކުޅޭ މެޗުގައި އަގުއެރޯގެ ކުޅުން ފެނިދާނެކަމަށް ރިޕޯޓްތަކުން ބުނަމުން ދެ އެވެ. ސިޓީގެ ދަނޑުގައި ބްލެކްބާން އާއި ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 1:10 ގައެވެ.