މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ހުމާމްގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ތާވަލްކޮށްފައި ވަނީ މާދަމާ 10:00 އަށް ކަމަށެވެ.

ޓީވީއެމުން ގެނެސްދިން ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ދިރިއުޅުއްވާ ގެމަކަށްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށް ތޫނުހަތިޔާރުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއެވެ.

ހުމާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. ނަމަވެސް އޭގެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އޭނާ ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެފަ އެވެ.

ހުމާމް ކުށަށް އިއުތިރާފުވުމާ ގުޅިގެން ކުރިން ދައުވާ އަށް އިންކާރު ކުރީ ކީއްވެތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ އެއީ އެކަމުގެ ސަބަބުން އާއިލާއަށް އުނދަގުލެއް ކުރިމަތިވެދާނެތީ ކަމަށެވެ.

އޭގެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ އަނެއްކާވެސް ދައުވާ އަށް އިންކާރުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ގާޒީ ކުރެއްވި ސުވާލުގެ ޖަވާބުގައި ހުމާމް ބުނީ ކުރިން ކުށަށް އިއުތިރާފުވީ ފުލުހުން ބިރުދައްކައި މަޖުބޫރު ކުރުވުމުންކަމަށެވެ.

ހުމާމާއި ބައިވެރިވެގެން ތޫނުއެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ދެން ދައުވާ އުފުލާފައި ވަނީ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ބާއްވާފައި ވަނީ އެންމެ ޝަރީއަތުގެ މަޖިލީހެކެވެ. އޭގެފަހުން އެތަކެއް ދުވަހަކު އެ މައްސަލަ ތާވަލް ކުރިނަމަވެސް ކޮންމެ ފަހަރުވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ވަނީ ޝަރީއަތް ކެންސަލްކޮށްފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

އެ ހަތަރު މީހުންނަކީ ހ. ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގެ އަބްދުﷲ ޖާވިދު 36، އާއި އޭނާގެ ބޭބެ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް 33 (ސްޕައި) އެވެ.