15 Jan 2014, 14:31
ފޮރިން މިނިސްޓްރީގެ އެމްބެސެޑަރް އެޓް ލާޖްކަމުގެ މަގާމަށް އެމިނިސްޓްރީގައި 17 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަބުދުﷲ ހަމީދު ހަމަޖައްސަވައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ހަމީދަށް އެމަގާމު ދެއްވީ މިމަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.
އަބުދުﷲ ހަމީދު 1991 ވަނަ އަހަރު ފޮރިން މިނިސްޓްރީއާ ގުޅިވަޑައި ގެންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށެވެ. އެމަގާމުގައި އޭނާ 15 އަހަރު ހުންނެވި އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު އޭރުގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު އޭނާ އަށް ފޮރިން މިނިސްޓަރުގެ ނައިބުކަން ދެއްވި އެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރު އޭނާ އަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވި އެވެ. އޭގެ އިތުރުން އޭނާ ވަނީ ސީޝެލްސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ހޮނަރަރީ ކޮންސަލްގެ މަގާމުވެސް ފުރުއްވާފަ އެވެ.