15 Jan 2014, 13:36
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޗެއާމަން އިބްރާހީމް އުމަރު މަނިކާއި މާލޭ ސިޓީ ކައުންސިލް މެންބަރު ޖަންބު ހަސަން އަފީފު މިއަދު ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ޕީޕީއެމަށް ސޮއިކުރެއްވީ މިއަދު ޕީޕީއެމް އޮފީހުގައި ރައީސް މައުމޫންއާއެކު ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. ޕީޕީއެމަށް ސޮއި ކުރެއްވުމަށްފަހު އެމްބީސީ ބޯޑުގެ ޗެއާމަން ވަނީ 100އަށް ވުރެ ގިނަ މެމްބަރުންގެ ފޯމް ރައީސް މައުމޫންގެ އަތްޕުޅަށް އަރުވާފަ އެވެ.
އެމްބީސީ ބޯޑުގެ ޗެއާޕަން ޕީޕީއެމާ ގުޅިވަޑައިގެންނެވިޔަސް އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްބީސީ ބޯޑު އުފައްދާފައިވާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ށ)ގައި ބުނަނީ ޕަބްލިކް ބްރޯޑްކާސްޓަރަކީ ސިޔާސީ ނުފުޒާއި އިގްތިސާދީ ނުފޫޒާއި މާލީ ނުފޫޒުން މިނިވަންވެގެންވާ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ ކަށަވަރުކޮށްދޭން ޖެހޭނެ މުއްސަސާއެއް ވާންޖެހޭނެ ކަމަށެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޖަންބު ހަސަން އަފީފު ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު ވިދާޅުވީ އެ ޕާޓީއާ ގުޅިވަޑައިގަތީ ރައްޔިތުންނަށް ދޭންޖެހޭ އެއްބާރުލުމާއި ހިދުމަތް ދިނުމަށް ސަރުކާރު ހިންގާ ޕާޓީއާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ.