މި މަހުގެ 10 އިން 12 އަށް މެލޭޝިއާގައި ބޭއްވި މޮންސޫން މޭހަމް އިންޓަނޭޝަނަލް ސާފިން ޗެލެންޖްގެ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރާއްޖޭގެ ހުނަރުވެރި ރާޅާ އެޅުންތެރިޔާ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.

ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ ކުޑައައްޔަ ވަނީ 2012 ވަނަ އަހަރު އޮސްޓްރޭލިޔާގައި ބޭއްވި "އެމެރާލްޑް އެންއެސްޑަބްލިއު ބޮޑީބޯޑް ސްޓޭޓް ޓައިޓަލްސް ރައުންޑް 2"ގެ ސީނިއާ މެންސް ކެޓަގަރީޒް އިން ވެސް އެއް ވަނަ ހޯދައިފަ އެވެ.

އަލީ ކުޝްރުވާން އަކީ ރާއްޖޭގައި ރާއްޅާއެޅުމުގައި ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ރާޅާ އެޅުންތެރިއެކެވެ. އަދި މީގެ ކުރިން އޭނާ ވަނީ ރާއްޖެ އިން ބޭރުގައި ބޭއްވި އިންޓަނޭޝަނަލް ތިން މުބާރާތްތެއްގައި ބައިވެރިވެ، ވަރަށް ފާހަގަ ކޮށްލެވޭ ވަނަތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން އައްޔަ ވަނީ 2011 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި ރާޅާ އެޅުމުގެ މުބާރާތުން ތިން ވަނަ މަގާމް ވެސް ހޯދައިފަ އެވެ.

އުމުރުން އެންމެ 13 އަހަރުގައި ބޮޑީ ބޯޑިންގެ ތެރެއަށް ވަދެ، ބޮޑެތި ކުރިއެރުންތަކެއް ރާއްޖެ އަށް ހޯދައި ދެމުން އަންނަ އައްޔަ ވަނީ 2010 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގައި އޮތް ބިލަބޮން ޕްރޯ މުބާރާތުގައި ބޮޑީ ބޯޑިން އިން ފުރަތަމަ ފަހަރަށް ރާއްޖެ އަށް އެއް ވަނަ ގެނެސްދީފަ އެވެ.