13 Dec 2010, 11:22
އެފްރިކާގެ މަލަބޯގެ ބާޓާގައި އޮތް އެމްއެންއެސްއެލްގެ ބޯޓުގެ ފަސް ފަޅުވެރިޔަކު މާލެއައި މަގުމަތީގައި ޑުބާއީ އެއާޕޯޓުން އެކަކު ފިލައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑްގެ ޑިރެކްޓާ ޖެނަރަލް ހަސަން މަނިކު މިއަދު ވިދާޅުވީ އެފްރިކާގައި އޮތް އެ ކުންފުނީގެ "މޯލްޑިވްސް އެންޓާޕްރައިސް"ގެ 19 ފަޅުވެރިންގެ ތެރެއިން މާލެ އައުމަށް ފުރި ފަސް މީހުންގެ ތެރެއިން އެކަކު ދުބާއީ އެއާޕޯޓުން އެމްއެންއެސްއެލްގެ ގުރޫޕާ ވަކިވެ، ފިލާފައިވާ ކަމަށާއި ފިލާފައި ވަނީ އެ ބޯޓްގެ ވައިޕަރެއްގެ ވަޒީފާގައި މަސައްކަތް ކުރާ އާރިފު އަބްދުއްލަތީފު ކަމަށެވެ.
"ޑުބާއީ އެއާޕޯޓުގައި އެ މީހުންތިއްބާ އެ ގްރޫޕާ ވަކިވެ، އޭނާ ފިލި ކަމަށް ވަނީ. މިހާރު އޭނާ ހޯދުމަށް ޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މިދަނީ." ހަސަން މަނިކު ވިދާޅުވި އެވެ.
ބޯޓްގެ ފަސް މީހުން މާލެއަށް އައި އެމިރޭޓްސްގެ އެއާލައިންގެ އޮފީހުގައި އެ މީހާ ހޯދުމަށް އެދިފައިވާނެ ކަމަށާއި މާލެ އައި މީހުންނަކީ ބޭސްފަރުވާއަށާއި ކޮންޓްރެކްޓް ހަމަވެގެން މާލެ ގެނައި ބައެއް ކަމަށް ހަސަން މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓްގެ ފަޅުވެރިންނަށް މީގެ ދުވަސްތަކެއް ކުރިން މެލޭރިއާ ޖެހުނު ނަމަވެސް މިހާރު އެންމެންގެ ވެސް ހާލު ރަގަނޅު ކަމަށާއި ބޯޓު މަރާމާތުކޮށް ނިމެންދެން އެ މީހުން ތިބޭނީ ބޯޓުގައި ކަމަށެވެ.
މޯލްޑިވްސް އެންޓާޕްރައިސްގެ އިންޖީނުގެ ޓާބޯ ޗާޖަރު ހަލާކުވެ، އެފްރިކާގެ މަލަބޯގެ ބާޓާގައި އެ ބޯޓް އޮންނަތާ ތިން މަހެއްހާ ދުވަސްވެފައިވާ އިރު، އަދިވެސް އެ އިންޖީނު ހެދުމުގެ މަސައްކަތް ނުނިމޭ ކަމަށް ހަސަން މަނިކު ވިދާޅުވި އެވެ.
ބޯޓްގައި ހުރި ކާބޯތަކެއްޗާއި ފެން ހުސްވުމުން، މިހާރު ބޯޓްގައި ތިބި 14 ފަޅުވެރިން ކައިބޮއި ހަދަނީ ބޯޓްގެ ކެޕްޓަންގެ އަމިއްލަ ހަރަދުގައި ގަނެފައިވާ ކާބޯތަކެތިން ކަމަށް އެ ބޯޓްގެ ފަޅުވެރިން މީގެ ދެ ހަފުތާ ކުރިން ބުންޏެވެ. އަދި ރެޑްކުރޮސެންޓުން ފޯރުކޮށްދިން ކަމަށް ބުނާ ކާބޯތަކެއްޗާއި އަންނައުނު ވެސް ނުލިބޭ ކަމަށް ބޯޓުގެ ފަޅުވެރިން އޭރު ބުންޏެވެ.
އެމްއެންއެސްއެލް އިން ބުނެފައި ވަނީ އެ ކުންފުނީގެ 10000 ޓަނުގެ ކޮންޓޭނާ ބޯޓް 2.6 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމާފައިވާ ކަމަށެވެ.
އެ ބޯޓް އެފްރިކާގެ މަލަބޯގެ ބާޓާގައި ބަނދަރުގައި ބާއްވާފައި އޮންނަ ކޮންމެ ދުވަހަކަށް ބައިލައްކަ ރުފިޔާ ހަރަދުވެ އެވެ. އަދި މިހާތަނަށް 3.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްއެންއެސްއެލްއިން ބުނެ އެވެ.