އާމްދަނީއާ ގުޅުން ހުރި މުހިންމު ބިލްތަކެއް ފާސްކުރުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވައިދިނުމަށް ޕީޕީއެމް ކޯލިޝަނުން އަނެއްކާވެސް އެދެފި އެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް ފާސް ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ނިޒާމީ އޮއިވަރުގެ ތެރޭގައި ޖެހި ކުރިއަށް ނުގެންދެވިގެން ހުއްޓާލާފަ އެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް ފާސް ކުރުމަށް ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގައި އެމްޑީޕީ ބައިވެރިވާނެ ކަމަށާއި ނަމަވެސް އެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ބިލްތަށް ފާސް ކުރުމަށް ތާއީދު ނުކުރެވޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަނީ ބުނެފަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރު މޫސާ ޒަމީރު ވިދާޅުވީ އާމްދަނީއާ ގުޅުންހުރި މުހިންމު ބިލުތަކެއް ފާސްވެފައި ނުވާތީ ދައުލަތުގެ ރެވެނިއު ވަރަށް ބޮޑަށް ދަށްވަމުން އަންނަ ކަމަށެވެ. އެހެންކަމުން އާމްދަނީއާ ގުޅުން ހުރި ބިލްތައް ވީހާވެސް އަވަހަކަށް ފާސްކުރަން އެދި އިއްޔެ މަޖިލިސް ރައީސް އަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިއްޔެ ވާނީ 27 މެމްބަރުންގެ ސޮޔާއިއެކު ޖަލްސާއެއް ބާއްވައިދިނުމަށް އެދިފައި" ޒަމީރު ވިދާޅުވި އެވެ.

ޖަމީރު ވިދާޅުވި ގޮތުގައި އެ ސިޓީއަށް މަޖިލިސް ރައީސް އަދި ޖަވާބެއް ދެއްވާފައިނުވެ އެވެ.

އިއްޔެގެ މަޖިޅިހުގެ ހާއްސަ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އަދި މިދިޔަ އަހަރުގެ ނިޔަލަށް ހުއްޓުމަކަށް އައިސްފައިވާ ބެޑް ޓެކްސް މި އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ނަގަމުން ގެންދިއުމަށް ސަރުކާރުން ހުށަހަޅާފައިވަ މައްސަލައާ މެދު ބަހުސު ކުރުމަށް ބޭއްވި ޖަލްސާ އެވެ. މީގެ 14 އަހަރު ކުރިން 1999 ވަނަ އަހަރު އަމަލު ކުރަން ފެށި ޓޫރިޒަމްގެ ގާނޫނުގެ 35 ވަނަ މާއްދާގެ ހ.ގައި ބުނެފައިވާ ބެޑް ޓެކްސް ވަނީ މިދިޔަ ޑިސެމްބަރު 31، ނިޔަލަށް ވަނީ ނިމުމަކަށް އައިސްފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބުނެފައިވާ ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ދައްކަން ޖެހޭ ފީ ތިން މަސް ތުވަހުގެ ތެރޭ ދައްކައި ހަލާސް ކުރުމަށް ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ރައްޔިތުންގެ މަޖިލީސް ވަނީ ގޮސްފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއި ކުރުމަށް ފަހު މަޖިލީހުގެ ރައީސަށް އެކަން ހުށަހެޅުމުންނެވެ. އަދި އެގޮތަށް ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް މަޖިލީހުގެ ރައީސް ހަމަޖައްސަން ޖެހޭ ކަމަށްވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.