ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްތަކުގައި ކެންޑިޑޭޓުން ސޮއި ނުކުރި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެގައި އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ވޯޓު ލުމުގެ ގައްގު ލިބިގެންވާ މީހުންގެ ލިސްޓްތަކުގައި ކެންޑިޑޭޓުން ސޮއި ކުރުމަށް އިތުރު ވަގުތު ދެވެން ނެތް ކަމަށާއި ކުރިން ވެސް އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ތާރީހުގައި އިންތިހާބު އޮންނާނެ ކަމަށެވެ.

"ކެންޑިޑޭޓުން ލިސްޓްތަކުގައި ސޮއި ނުކުރި ނަމަވެސް އަންނަ ހޮނިހިރު ދުވަހު އިންތިހާބު އޮންނާނެ. އަދި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްތަކުގައި ސޮއި ކުރުމަށް އަޅުގަނޑުމެންނަށް އެއްވެސް ފަރާތަކަށް އިތުރު ވަގުތެއް ދެވޭކަށް ނެތް،" އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން ނުވަތަ ސަލާމަތީ ބާރުތަކުން އިންތިހާބު ނުބޭއްވުމަށް އަމުރު ކުރަން ދެން ކޮމިޝަނުން އިންތިހާބު ބޭއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިހާތަނަށް އިންތިހާބު ނުބާއްވާ ގޮތަށް ކޮމިޝަނުން ނިންމަފައި ނުވާ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިސްޓްތަކުގައި ސޮއި ކުރުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ހުޅުވާލުމުގެ ކުރިން ކެންޑިޑޭޓުން ލިސްޓްތަކުގައި ސޮއި ކުރަން ޖެހޭ މައްސަލައާ ގުޅޭ ގޮތުން ބަންޑާރަނައިބުގެ ލަފައަކަށް އެދިފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ބަންޑާރަނައިބުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.