15 Jan 2014, 12:17
ދާދި ފަހުން މަޝްހޫރުވި ތާމޯސްޓެޓް ނުވަތަ ގޭގެ ފިނިހޫނުމިން ކޮންޓްރޯލު ކޮށްދޭ ޑިވައިސް ހަދާ ކުންފުނި ނެސްޓް ލެބްސް، ގޫގުލްއިން 3.2 ބިލިއަން ޑޮލަރަށް ގަނެފި އެވެ.
އެމެރިކާގެ ކެލިފޯނިޔާގައި ގާއިމުވެފައިވާ ނެސްޓް ލެބްސް އުފެއްދީ މީގެ އަހަރުތަކެއް ކުރިން އެޕަލްގައި މަސައްކަތް ކުރި ދެ މީހުން ކަމަށްވާ ޓޯނީ ފަޑެލް އާއި މެޓް ރޮޖާސް އެވެ.
ނެސްޓްގެ“ސްމާޓް ތާމޯސްޓެޓް” މަޝްހޫރުވެފައި ވަނީ ޑިވައިސް ބޭނުންކުރާ މީހުން އާއްމުކޮށް ހިޔާރު ކުރާ ގޮތްތައް ދެނެގަނެ ދަސްކުރުމުގެ ގާބިލުކަން ލިބިފައިވާ ޑިވައިސް އެއްގެ ގޮތުގައެވެ. މި ތާމޯސްޓެޓްގައި ހުންނަ ސެންސަރެއް ބޭނުންކޮށްގެން ވަށައިގެންވާ މާހައުލުގެ ފިނިހޫނުމިނާ، ވައިގެ ތެއްކަމާއި މީހުންގެ ހަރަކާތްތަކާއި އަލި ދެނެގަނެއެވެ. އަދި ޑިވައިސް ބޭނުންކުރާ މީހާ އާއްމުކޮށް ގޭގެ ފިނި ހޫނުމިން ބޭނުންވަނީ ކިހާވަރަކަށްކަން ދަސްކޮށް، ގޭގައި މީހުން އުޅޭއިރާ ނޫޅޭ އިރު ދެނެގަނެ، މީހުން ނުކުތުމުން އެއާކޯން ނިވާލާ، މީހުން ވަނުމުން އެއާކޯން ޖައްސާދީ ހަދައެވެ. ފޯނަށް އަޅާފައިވާ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވޭ މި ޑިވައިސް ބޭނުންކުރުމުން ގޭގެ ކަރަންޓު ބިލުވެސް ކުޑަވެއެވެ.
ގޫގުލްއިން ބުނި ގޮތުގައި އެ ކުންފުނިން ނެސްޓް ލެބްސް ގަތް ކަމުގައި ވިޔަސް އެ ކުންފުނި ހިނގަމުން ދާނީ ޓޯނީ ފަޑެލް ގެ ބެލުމުގެ ދަށުންނެވެ. އަދި ކުންފުނި ހިގާނީ އޭގެ އަމިއްލަ ނަން މަތީ، އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ކަމަށްވެސް ގޫގުލްއިން ބުންޏެވެ.
“ނެސްޓްގެ ބާނީ ޓޯނީ ފަޑެލް އާއި މެޓް ރޮޖާސް މިވަނީ ވަރަށް ރަނގަޅު ޓީމެއް އެކުލަވާލާފައި. އަހަރަމެން މި ތިބީ މި ޓީމް ގޫގުލްގެ އާއިލާއާ ގުޅޭތީ ވަރަށް އުފަލުން،” ގޫގުލްގެ ޗީފް އެގްޒެކެޓިވް ލެރީ ޕޭޖް ބުންޏެވެ.
2008 ވަނަ އަހަރު އެޕަލް ދޫކޮށް އެނާގެ އަމިއްލަ ކުންފުނި އުފެއްދި ޓޯނީ ފަޑެލް އަކީ އެޕަލްގެ މަޝްހޫރު އައިޕޮޑް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު އެކަކެވެ. “އައިޕޮޑްގެ ބައްޕަ” ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ފަޑެލް ވަނީ އެޕަލްގެ ފުރަތަމަ އައިފޯނު އުފެއްދުމުގައި ވެސް ބައިވެރިވެފައެވެ.
ފަޑެލް ބުނީ ގޫގުލްއިން ނެސްޓް ގަތުމުން ނެސްޓް އަށް ކުރިން ނުލިބޭ ވިޔަފާރި ވަސީލަތްތަކާ، އާ ހާޑްވެއާ އަދި ސޮފްޓްވެއާވެސް ލިބުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށެވެ. އަދި މިއީ ކުންފުނި ތަރައްގީވުމަށާއި އާ ޑިވައިސްތައް އުފެއްދުމަށް ހުޅުވުނު ދޮރެއް ކަމަށް ފަޑެލް ބުންޏެވެ.
ގޫގުލް އިން ފަހަކަށް އައިސް އަންނަނީ ކުދި އަދި މަޝްހޫރުވަމުން އަންނަ ކުންފުނިތައް ގަންނަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ގޫގުލްއިން ވަނީ އެ ކުންފުނީގެ ސެލްފް ޑްރައިވިން ކާރު ޓެކްނޮލޮޖީ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޮސްޓަން ޑައިނަމިކްސް ކިޔާ ރޮބޮޓު ހަދާ ކުންފުންޏެއްވެސް ގަނެފައެވެ.
ފަހަކަށް އައިސް ކުންފުނިތައް ގަނެފައިވާ އަގު ގޫގުލްއިން ހާމަކޮށްފައި ނުވާއިރު އެންމެ އަގުބޮޑުކޮށް ގަނެފައިވާ ކުންޏެއް ކަމަށް އިއުލާނުކޮށްފައި ވަނީ މޮޓޮރޯލާ މޮބިލިޓީ އެވެ. މި ކުންފުނި ގޫގުލްއިން ގަނެފައިވަނީ 12.5 ބިލިއަން ޑޮލަރަށެވެ.