15 Jan 2014, 12:17
ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކޮށް ކުރުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ތިލަފަތަށް ވޯޓް ދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނުން ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ޒަމާންވީ ބޯދާ ގޮތްތައް އެންމެ އިންތިހާބަކުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި ބޯދާ ޒަމާންވީ ގޮތްތައް ފިލުވާލުމަށް ޓަކައި ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައި އެމްޑީޕީގެ ތިލަފަތަށް ވޯޓް ދޭން ޖެހޭ ކަމަށެވެ.
"އާއިލީ ވެރިކަމާ ދެކޮޅަށް އެމްޑީޕީގެ ތިލަފަތަށް ވޯޓުދޭން ޖެހެނީ ރާއްޖޭގެ އާއްމު ހާލަތު ރަނގަޅު ކުރުމަށް. އެއީ އެންމެ އިންތިހާބަކުން ނިންމެން އޮތް ކަމެއް ނޫން. އެތައް ޒަމާނެއްގެ ބޯދާ ސިފަތަކާއި އުސޫލްތައް ރާއްޖެ އިން ނައްތާލެވޭނީ އިންތިހާބުތަކުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރޭ ޓީމަކީ ގާބިލު ޓީމެއް ކަމަށާއި އެ ޓީމަކީ އެހެން ސިޔާސީ ޕާޓީތަކުން ނެރޭ ޓީމުތަކާ ވަރަށް ތަފާތު ޓީމެއް ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ނެރޭ ޓީމަކީ ހަމައާއި އިންސާފްގެ މަތިން ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހިދުމަތް ކޮށްދޭނެ ޓީމެއް ކަމަށެވެ.
ނަޝީދުގެ ވިދާޅުވީ އެހެން ޕާޓތަކާއި އަދި އެ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އެމްޑީޕީ އާއި ހުރި ތަފާތަކީ އެހެން ޕާޓީތަކަކީ ވިޔަފާރިވެރިންގެ ޕާޓީތަކެއް ކަމަށާއި އެހެން ކަމުން އެމްޑީޕީން މަސައްކަތްކުރާ އުސޫލުން އެ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތަށް ލިބޭ އާމުދަނީ އިތުރުކުރުމަށް ޓަކައި އާމުދަނީ އިން ލިބޭ ފައިދާ އިން ޓެކެސް ނެގުމަށް އެމްޑީޕީ ސަރުކާރުގައި މަޖިލީހަށް ހުށަހަޅާފައިވާ އާމުދަނީގެ ފައިދާ އިން ޓެކްސް ނެގުމާ ބެހޭ ބިލް އޮތީ ގާސިމް އިބްރާހީމް މުގައްރިރުކަށް ކުރައްވާ ކޮމެޓީގެ ވަތްގަޑުގައި ކަމަށެވެ. އަދި އެއްވެސް ސޭޓެއް އެ ބިލް ފާސްވިޔަ ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުށަހަޅާފައި ވާނީ މަހަކު 30،000ރ. އަށް ވުރެ މަތިން މުސާރަ ލިބޭ މީހުން ކޮންމެ ރުފިޔާއަކުން ތިން ލާރި ދައުލަތަށް ދެއްކުން. އާމްދަނީ 60،000ރ. އަށް ވުރެ މަތިން ލިބޭ މީހާ ހަ ޕަސެންޓް ދައްކަން. އެހެން ނަމަވެސް މި އުސޫލް އެއްގޮތަކަށް ވެސް މި ރާއްޖޭގައި ގާއިމްވުމަށް ސިޔާސީ ބާރުވެރިންގެ ގޮތުގައި މަޖިލީހުގައި ތިއްބެވި ސާދާގަރުން، ސޭޓުންނަކަށް ހިތްހަމައެއް ނުޖެހޭ. އަޅުގަނޑުމެން އެމްޑީޕީ ސަރުކާރުން ތައާރަފް ކުރަން މަސައްކަތް ކުރި އާމްދަނީން ޓެކްސް ނެގުމާ ބެހޭ ބިލް އޮތީ ގާސިމްގެ މުގައްރިރު ކަމުގައި އިންނަވާ ކޮމެޓީގެ ވަތްގަނޑުގައި." ނަޝީދު ވިދާޅުވި އެވެ.