މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ބިޑް އެވޯޑްކޮށްދިން ކަމުގެ ތުހުމަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އައިޓީ އޮފިސަރެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ އައިޓީ އޮފިސަރު ގ. ވާނީގެ އަހުމަދު ނަޝްރާހު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ބިޑް އެވޯޑްކޮށް ދިނުމަށް މަސައްކަތްކޮށްފައިވާކަން އެ ކޮމިޝަންގެ ތަހުގީގުން އެނގެން އޮންނަ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ސްކޫލަކަށް ބޭނުންވެގެން އެޑިޔުކޭޝަނަށް 2012 ވަނަ އަހަރު 15 ކޮމްޕިއުޓަރު ސިސްޓަމް ހޯދަން އިއުލާންކުރުމަށް ފަހު، މައުލޫމަތު ދިން އިރު ކޮމްޕިއުޓާތަކުގައި ހުންނަން ޖެހޭނެ ސްޕެސިފިކޭޝަންގެ މައުލޫމާތު ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދިންނަމަވެސް ބިޑް ހުށަހެޅި އެއްވެސް ފަރާތަކުން އެ މޮޑެލްގެ ކޮމްޕިއުޓާ ސިސްޓަމް ހުށަހަޅާފައިނުވާ ކަމަށެވެ.

ބިޑް ހުށަހެޅި ހަތަރު ފަރާތުގެ ތެރެއިން ތިން ފަރާތެއްގެ ބިޑްތައް ސްޕެސިފިކޭޝަން ދިމާނުވާ ކަމަށް ބުނެ ކެންސަލްކޮށްފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއް ފަރާތެއްގެ ބިޑްގެ ސްޕެސިފިކޭޝަން ދިމާވާ ކަމަށް ބަލައި އެ ބިޑް އިވެލުއޭޓްކޮށް މާކްސް ދީފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ބިޑްތައް ކެންސަލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތުން ހުށަހަޅަފައިވާ މޮޑެލްއަކީ ސްޕެސިފިކޭޝަން ދިމާވާ ކަމަށް ބުނާ ފަރާތުން ހުށަހަޅާފައިވާ މޮޑެލްއަށް ވުރެ ފަހުގެ މޮޑެލްއެއްކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭސީސީން ބުނީ އުސޫލުތަކާ ޚިލާފަށް މާކްސް ދީފައިވާތީ އެކަމާ ގުޅޭގޮތުން ތަހުގީގުގައި ސުވާލުކުރުމުން އެއީ އޮޅިގެން ކުރެވުނު ކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އައިޓީ އޮފިސަރު އަހުމަދު ނަޝްރާހު ބުނެފައިވާ ކަމަށެވެ.