ރާއްޖޭގައި އަންނަ މޭމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެލެންޗު ކަޕް ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗްތައް ކުޅޭ، ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީކޮށް ލޯންޗްކޮށް، އެސްޓޭޑިއަމްގެ ބިންގާ ރޭ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަޅުއްވައި ދެއްވައިފި އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް "ސަން"އަށް މިއަދު ވިދާޅުވީ، ޒޯން ސްޓޭޑިއަމް ތަރައްގީވުމަކީ މި ސަރަހައްދުގެ އެކިއެކި ގައުމުތަކުގެ ޓީމްތަކާއި އެކިއެކި މުބާރާތްތައް ބާއްވަން ހުޅުވޭ ދޮރެއް ކަމަށާއި މީގެ ފައިދާ މުޅިޒޯނަށް ކުރިއަށް އޮތްތާގައި ލިބިގެންދާނެ ކަމަށެވެ.

"މި ސްޓޭޑިއަމަކީ ބައިނަލްއަގްވާމީ ބައެއް މުބާރާތްކުގެ އޯޕަނިން އާއި ކުލޯޒިން މެޗްތައް ބާއްވާނެ ސްޓޭޑިއަމަކަށް ވާނެ. މީގެ ފައިދާ މުޅި ޒޯންގެ ރައްތިތުންނަށް ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީކޮށް ރޭ ލޯންޗްކުރުމުގެ ހަފުލާގައި ރާއްޖެގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާއި އޮލިމްޕިކް ކޮމެޓީގެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީކައުންސިލްގެ އިސްވެރިން ބައިވެރިވިއެވެ.

މެއި މަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ މި މުބާރާތުގެ މެޗްތައް އައްޑޫ ޒޯން ސްޓޭޑިއަމްގެ އިތުރުން ދެން ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި މި ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމަށް ޓަކައި ޔޫތު މިނިސްޓުރީގެ ފަރާތުން ވަނީ 71.5 މިލިއަން ރުފިޔާ އަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމަށްޓަކައި މުބާރާތުގެ ގުރުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، އަދި ތުރްކުމަނިސްތާނުގެ އިތުރުން ބަނގްލްދޭޝް އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.