13 Dec 2010, 11:00
މާލިއްޔަތު ގާނޫނު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގު ކުރައްވައިފި އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފިޝަލަކު ވިދާޅުވީ އެ ގާނޫނު ރައީސް ތަސްދީގު ކުރެއްވި އިރު އެ ގާނޫނާ ބެހޭ ބައެއް މައްސަލަތައް މިއަދު ސުޕްރީމް ކޯޓަށް ފޮނުއްވާނެ ކަމަށެވެ.
މާލިއްޔަތު ގާނޫނު ރައީސް މި ތަސްދީގު ކުރެއްވީ ސުޕްރީމް ކޯޓުން އެ ގާނޫނު ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށް ބުނިތާ ހަތަރު ދުވަސް ފަހުންނެވެ.
ރައީސް ކުރިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ސަރުކާރުން ހިލާފުވެފައި ނުވާނެ ކަމަށާއި ނަމަވެސް މާލިޔައްތުގެ ގާނޫނު ތަސްދީގު ކުރައްވާނީ އިޖުތިމާއި ރައްކާތެރި ކަމުގެ ބިލު މަޖިލީހުން ފާސް ވުމުން ކަމަށެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ އިންސާނީ ބާރު ނުފޯރާ ހާލަތެއް މެދުވެރި ނުވާ ނަމަ ލަސްކުރުމަކާ ނުލައި މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވެވިތާ ދެ ދުވަސް ފަހުން، އަދި ހުކުރު ދުވަހުގެ ރޭޑިއޯ ތަގުރީރުގައި ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ.
މުލިއާގޭގައި ހޮނިހިރު ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމުގެ ސަބަބުން ސަރުކާރު ހިންގުމުގެ އެތައް ކަމަކަށް ބުރޫއަރައިފާނެ ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ދަންނަވާފައިވާނެ ކަމަށެވެ.
"އެތައް ކަމަކަށް ބުރޫއަރައި ގޮސްފާނެ ކަމަށް އަޅުގަނޑަށް ގާނޫނީ ލަފާ ލިބިފައިވުމާއެކު އެ ގާނޫނު ތަސްދީގު ކުރުން އަޅުގަނޑު ލަސްކޮށްފައިވާނެ. ހާއްސަ ގޮތެއްގައި އަޅުގަނޑަށް ފެނުނު ގޮތުގައި އަދި އަޅުގަނޑަށް ލަފާ ލިބުނު ގޮތުގައި އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ ކިތަންމެ ޕްރޮގްރާމަކަށް މާލިއްޔަތުގެ ގާނޫނުގެ ސަބަބުން ހުރަސް އަތުވެދާނެ ކަމަށް އަޅުގަނޑަށް ލަފާ ލިބޭތީ ތަސްދީގު ނުކޮށް މަޑުކޮށްފައި އެއޮތީ،" ރައީސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓްގެ ހުކުމުގައި ބުނަނީ "... އިންސާނީ ބާރު ނުފޯރާފަދަ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ލަސްކުރުމަކާ ނުލައި އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ރައީސުލް ޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރަންވާނެ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން" ކަމަށެވެ