15 Jan 2014, 09:52
ތެހެރާން (ޖަނަވަރީ 15): އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކޮށްފައިވާ ޖެނީވާ އެއްބަސްވުމަކީ އީރާނުގެ ސުލްޙަވެރި ނިއުކްލިޔާ ޕްރޮގްރާމަށް ހުޅަނގުގެ ބާރުތަކުން އިޢްތިރާފްވުން ކަމަށް އީރާނުގެ ރައީސް ޑރ. ހަސަން ފަރީދޫން ރޫހާނީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ އަހްވާޒު ސިޓީގައި ވާހަކަ ދައްކަވަމުން ޑރ. ރޫހާނީ ވިދާޅުވީ އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކޮށްފައިވާ ޖެނީވާ އެއްބަސްވުން މިމަހުގެ 20ގައި ތަންފީޒުކުރަން ފަށާނެ ކަމަށާއި މިއީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނިޒާމު ބިންދާލުމުގެ ފުރަތަމަ ފިޔަވަޅު ކަމުގަ އެވެ. ޖެނީވާ އެއްބަސްވުމަކީ ނިއުކްލިޔާ މައްސަލާގައި ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އަނިޔާވެރި ފިޔަވަޅުތައް ނިމުމުގެ ފެށުން ކަމަށާއި މިއެއްބަސްވުމާ ހަމައަށް ދިޔުމަށް ހުޅަނގުގެ ބާރުތަކަށް މަޖްބޫރުވީ އީރާން ރައްޔިތުންގެ ކެތްތެރިކަމާއި އީރާނުގެ ސައެންސްވެރިންގެ ހިއްވަރާއި ފަންވަރުގެ ސަބަބުން ކަމަށް ރޫޙާނީ ވިދާޅުވި އެވެ.
ހުޅަނގުން ފާއިތުވި 10 ވަރަކަށް އަހަރު މަސައްކަތްކޮށްފައި ވަނީ ނިއުކްލިޔާ ޓެކްނޮލޮޖީގެ މައިބަދަ ކަމަށްވާ ޔޫރޭނިޔަމް ފައްކާކުރުމުގެ ޓެކްނޮލޮޖީން އީރާން މަހްރޫމް ކުރުމަށެވެ. މިގޮތުން ޔޫރޭނިޔަމް ފައްކާކުރުން ހުއްޓުވުމަށް ހުޅަނގުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ގައުމަކާދެކޮޅަށް ހުޅަނގުން މިހާތަނަށް އަޅާފައިވާ އެންމެ އަނިޔާވެރި އަދި ހަރުކަށި ފިޔަވަޅުތައް ކަމަށް ހުޅަނގުގެ މުޙައްލިލުން ވެސް ސިފަކުރައްވަ އެވެ. މިއާއެކު އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ އެމެރިކާއާއި ޔޫރަޕާއި އިސްރާއީލުން ވަނީ އީރާނާ ދެކޮޅަށް ޢަސްކަރީ ގޮތުން ޙަމަލާދީ އެގައުމުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރުތައް ވެސް ތަކުރާރުކޮށް ދެމުން ގެންގޮސްފަ އެވެ.
ނަމަވެސް އީރާނުން ވަނީ އެންމެ ތިން ސެންޓްރިފިއުޖް މެޝިނުން ފެށި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް 10 ހާސް މެޝިނަށް 10 އަހަރު ތެރޭގައި ބަދަލުކޮށް ޔޫރޭނިޔަމް ފައްކާކުރުމަށް ބޭނުންކުރާ ސެންޓްރިފިއުޖް މެޝިންގެ އެންމެ ޒާމާނީ ވައްތަރުތައް ވެސް އަމިއްލަ އަށް އުފައްދައި މިކަމުގައި އީރާން ފަހަތަށް ޖައްސާނުލެވޭމިންވަރަށް ނިއުކްލިޔާ ޓެކްނޮލޮޖީ އާއި އޭގެ ރީސާޗްތަކާއި ނިއުކްލިޔާ އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ހުޅަނގަށް ވަނީ ނުސީދާގޮތެއްގައި އީރާނުގެ ޔޫރޭނިޔަމް ފައްކާކުރުމުގެ ޕްރޮގްރާމަށް އިޢްތިރާފްވާން ޖެހިފަ އެވެ.
އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޮއިކޮށްފައިވާ ޖެނީވާ އެއްބަސްވުން މިމަހުގެ 20 ގައި ތަންފީޒުކުރަން ފަށާތީ ނިއުކްލިޔާ މައްސަލާގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެތާރީޚުން ފެށިގެން ލުއިތައް ދެމުންގެންދާނެކަން އެމެރިކާ އާއި ވިލާތުގެ އިއްތިޙާދުން ވަނީ ހާމަކޮށްފަ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކޮށްފައިވާ ޖެނީވާ އެއްބަސްވުން ބިނާވެފައި ވަނީ އީރާނުން ކުރިޔަށްގެންދާ ޔޫރޭނިޔަމް ފައްކާކުރުން ވަކިމިންވަރެއްގައި ހިފަހައްޓައި ނިއުކްލިޔަރ ބައެއް ހަރަކާތްތައް މަޑުޖައްސާލުމުން އެގައުމާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ މައްޗަށެވެ.
ނަމަވެސް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އީރާނުން ހުއްޓާލުމަށް މިއެއްބަސްވުން ޝަރުތެއް ނުކުރެ އެވެ. މިގޮތުން މިއެއްބަސްވުމުގެ ސަބަބުން ޔޫރޭނިޔަމް ފައްކާކުރާ 10 ހާސް މެޝިންގެ ތެރެއިން އެންމެ މެޝިނެއް ވެސް ހުއްޓާލަން ނުޖެހޭ ކަމަށް އީރާނުގެ ރައީސް ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)