އދ. މަޖިލިސް (ޖަނަވަރީ 15): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި އެތަށް މިލިޔަން ބަޔަކު ހައިހޫނުކަން ތަހައްމަލު ކުރަމުންގެންދާކަން އދ. ން ހާމަކޮށްފި އެވެ.

އދ. ން ކުރިޔަށްގެންދާ "ވޯލްޑް ފުޑް ޕްރޮގްރާމް"ގެ ތަރްޖަމާނާ އެލިޒަބަތް ޕެރޭޒް އިއްޔެ ވިދާޅުވީ ސޫރިޔާގައި އެންމެ ބޮޑަށް ހނަގުރާމަ ހިނގަމުންދާ އެގައުމުގެ އިރުމަތީ ސަރަހައްދުތަކާއި ދިމިޝްގުގެ ކައިރީގައިވާ ރަށްފުށުގެ ހިސާބުތަކުގައި ކާބޯތަކެތި މުޅިންކަހަލަ ގޮތަކަށް ހުސްވެފައިވާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން އެ ސަރަހައްދުތަކުގައި އެތައް މިލިޔަން ރައްޔިތުން ހައިހޫނުކަން ތަހައްމަލްކުރަމުންގެން ދާތީ ކާބޯތަކެތި ފޮނުވުމަށް އަވަސް މަސައްކަތްތަކެއް ކުރަމުންގެންދާ ކަމުގަ އެވެ.
ސޫރިޔާގެ އިރުމަތީގެ ގިނަ ސަރަހައްދުތަކަކީ އެގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ހިސާރުކޮށްފައިވާ ސަރަހައްދުތަކެކެވެ. މިހިސާރުގެ ސަބަބުން ކާބޯތަކެއްޗާއި ބޭސް ފަދަ އިންސާނީ އެހީގެ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުން ވަރަށް ކުރީއްސުރެ އެ ސަރަހައްދުތަކަށް ދަތިވެފައިވާކަން އދ. އިން ކުރިން ވެސް ހާމަކޮށްފައިވެ އެވެ. ސޫރިޔާގެ އުތުރުގެ ސިޓީތަކާއި ވިލެޖްތަކުގައި ގާތްގަނޑަކަށް 3.8 މިލިޔަން މީހުން ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާތީ އދ.ގެ "ވޯލްޑް ފުޑް ޕްރޮގްރާމް" އިން މިދިޔަ ޑިސެމްބަރު މަހު ވަނީ އެ ސަރަހައްދުތަކަށް އެތައް ހާސް ޓަނެއްގެ ކާބޯތަކެތި ދައްޗާއި އުނދަނގުލުގައި ބޮޑެތި ރިސްކުތަކެއް ނަގައިގެން ފޯރުކޮށްދީފަ އެވެ.

"ވޯލްޑް ފުޑް ޕްރޮގްރާމް"ގެ ތަރްޖަމާނާ އެލިޒަބަތް ޕެރޭޒް އިއްޔެ ވިދާޅުވީ ކާބޯތަކެތި ހުސްވެ އެތައް މިލިޔަން މީހުން ބަނޑަށް ޖެހިފައިވާ ކަމުގެ ރިޕޯޓްތައް މިހާރު ވެސް ލިބެމުންދަނީ ސޫރިޔާގެ އިރުމަތީ ސަރަހައްދުތަކުންނެވެ. މީގެ އިތުރުން ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ރައްފުށުގެ ހިސާބުތަކަކީ ވެސް ހަނގުރާމައިގާ ހިސާރުކުރެވިފައިވާ ސަރަހައްދުތަކެއް ކަމުން އެތަންތަނުން ވެސް ކާބޯތަކެތި ހުސްވެ ގިނަ އަދަދެއްގެ ބަޔަކު ބަނޑަށް ޖެހެމުންދާކަމުގެ ޚަބަރުތައް ލިބެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ އެތެރެގައާއި އަވަށްޓެރި ގައުމުތަކުގައި ދިރިއުޅޭ އެގައުމުގެ އެތައް މިލިޔަން ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް ކޮންމެ ހަފްތާ އަކު 35 މިލިޔަން އެމެރިކާ ޑޮލަރު އދ. އަށް ބޭނުންވާ އިރު މިއަދަދަށް ފައިސާ ހޯދުންވަނީ ވަރަށް ދަތިކަމަށް ވެފަ އެވެ. ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްގެން ކޮންމެވެސް ވަރަކަށް ފައިސާ ލިބުނު ނަމަވެސް އެންމެ ބޮޑު ދަތިކަމަކީ ހަނގުރާމަ އެންމެ ގަދައަށް ހިނގާ ސަރަހައްދުތަކުގައި ޙިސާރު ކުރެވިފައިވާ ސޫރިޔާގެ ރައްޔިތުންނާ ހަމައަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުންކަމަށް "ވޯލްޑް ފުޑް ޕްރޮގްރާމް" އިން ބުނެ އެވެ.

މިދުވަސްވަރަކީ ސޫރިޔާއަށް ފިނިމޫސުން ކަމަށްވެފައި މި އަހަރުގެ ފިނި މޫސުމުގައި އާދަޔާ ޚިލާފަށް ފިނިވެ ސްނޯ ވެސް ފައިބަމުންދާތީ ޙާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ސޫރިޔާގެ އެތެރެގައާއި އަވަށްޓެރި ގައުމުތަކުގައި ދިރިއުޅޭ އެގައުމުގެ ރެފިއުޖީން މިއަހަރުގެ ފިނިމޫސުމުގައި ދިރިއުޅެމުންގެންދަނީ ވަރަށް ނިކަމެތި އަދި ވޭންދެނިވި ޙާލަތުގަ އެވެ. މިގޮތުން ގަދަފިންޏާއި ހައިހޫނުކަމާ އަދި ބަލިމަޑުކަން ސޫރިޔާގެ ރައްޔިތުން ތަހައްމަލް ކުރަމުން ގެންދާއިރު ހައިހޫނުކަމާއި ބަލިމަޑުކަމުގައި ސޫރިޔާގެ ކުޑަކުދިން ގިނަ އަދަދަކަށް މަރުވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. (އަލްޖަޒީރާ)