ގާހިރާ (ޖަނަވަރީ 15): މިސްރުގެ އައު ގާނޫނު އަސާސީއާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި އިއްޔެ ކުރިޔަށްދިޔަ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅާލުމަށް މިސްރުގެ އަމަނާ ބެހޭ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 11 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

މިސްރުގެ ވަގުތީ ސަރުކާރު ބުނާ ގޮތުން އައު ގާނޫނު އަސާސީއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި ބޭއްވި ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް ހަރަކާތްތެރިވެ ވޯޓަށް ހުރަސްއަޅާފައި ވަނީ އެގައުމުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މެންބަރުންނެވެ. އެގާރަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވީ ސަލާމަތީ ބާރުތަކާއި ޑރ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ހިނގި ކުރިމަތިލުންތަކެއްގައި ކަމަށާއި މުޒާހަރާކުރި މީހުންގެ ގަޔަށް ސަލާމަތީ ބާރުތަކުން ބަޑިޖެހިކަން މިސްރު ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.

ނަމަވެސް މޑީޔާ ރިޕޯޓައް ބުނާ ގޮތުން މިސްރުގެ ފުލުހުން ވަނީ މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖަހައި ހަތިޔާރުގެ ބޭނުންކޮށްފަ އެވެ. މިސްރު ފުލުހުން މަޑިޖެހުމުގެ ސަބަބުން މުޒާހަރާ ކުރި މީހުންގެ ތެރެއިން 11 މީހުން ފުލުހުންގެ އަތްދަށުން މަރުވެފައިވާ އިރު މީގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ވެސް ހިމެނޭކަމަށާއި 33 މީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވާ ކަމަށް ވެސް ބައިނަލްއަޤްވާމީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ގާހިރާއިން ލިބޭ ޚަބަރުތައް ބުނާގޮތުން މިސްރުގެ އައު ގާނޫނު އަސާސީއާ މެދު ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް ހަރަކާތްތެރިވެފައި ވަނީ ޑރ. މުރުސީ މިސްރުގެ ވެރިކަމުން ދުރުކުރި އަސްކަރީ އިންގިލާބާ އިދިކޮޅު ފަރާތްތަކުންނެވެ. މީގެތެރޭގައި އިޚްވާން ޖަމާއަތަށް ނިސްބަތްނުވާ އާންމުން ރައްޔިތުން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށްވެ އެވެ.

މިސްރުގެ އައު ގާނޫނު އަސާސީއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި އިއްޔެ ކުރިޔަށްދިޔަ ފެންނަ ނުފެންނަ ވޯޓުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ އިރު މީގެތެރޭގައި މިވޯޓު ކުރިޔަށް ގެންދިޔުމަށް އެންމެ ބޮޑަށް މަސައްކަތްކޮށް ވަގުތީ ސަރުކާރަށް އެއްބާރުލުން ދީފައި ވަނީ މިސްރުގެ އިންގިލާބަށް އެއްބާރުލުންދިން ޢިލްމާނީ ޕާޓީތަކާއި އިސްލާމީ ސަލަފީ ފިކުރުގެ ޕާޓީއެއް ކަމަށްވާ ނޫރު ޕާޓީއާއި އެޕާޓީތަކުގެ ސަޕޯޓަރުންނެވެ. ނޫރު ޕާޓީން ވަނީ މިސްރުގެ އިންގިލާބީން އިސްލާޙު ކުރި އައު ގާނޫނު އަސާސީގެ ދލިކޮޕީއަކީ ރަނގަނޅު އެއްޗެއް ކަމަށް ސިފަކޮށްފަ އެވެ.

ނަމަވެސް އިސްލާމީ ފިކުރުގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އިޚްވާން ޖަމާއަތުންވަނީ އައު ގާނޫނު އަސާސީއަކީ ލާދީނީ ފިކުރުތަކުގެ މައްޗަށް ބިނާކޮށްފައިވާ ގާނޫނު އަސާސީއެއް ކަމަށް ސިފަކޮށްފަ އެވެ. އަދި މިސްރުގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. ޔޫސުފްއަލްގަރްޟާވީ ވެސް ވަނީ އައު ގާނޫނު އަސާސީއަކީ ލާދީނީ ފިކުރުތަކުގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ކަމަށް ސިފަކުރައްވައި އެއަށް އާ ބަސް ނުބުނުމަށް މިސްރުގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އައު ގާނޫނު އަސާސީއާ ދެކޮޅަށް ހަރަކާތްތެރިވެފައި ވަނީ އިންގިލާބީންނާ އިދިކޮޅު ޒުވާނުންނާއި އިސްލާމީ ފިކުރުގެ އެންމެ ބޮޑު ޖަމާއަތްކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުންނެވެ. (ނޫސްއެޖެންސީތައް)