އޭސީ މިލާނުގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމާއި ހަވާލުވުމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ހޮލެންޑުގެ ކްލަރެންސް ސީޑޯފް ތައްޔާރުވަމުންދާ ކަމަށް އޭނާ ބުނެފި އެވެ.

މިލާނުގައި 10 އަހަރު ހޭދަކުރުމަށް ފަހު 2012 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ބޮޓަފޮގޯއަށް ކުޅެމުން އަންނަ ފޯވާޑް ބުނީ 22 އަހަރަށް ފަހު ކުޅުން ހުއްޓައިލަން ނިންމީ ފުޓްބޯޅައިގެ އާ ހުވަފެންތަކެއް ދުށުމަށް ކަމަށެވެ.

"10 އަހަރު ދުވަސް އަހަރެން އެ ކްލަބެއްގައި ހޭދަކުރި އޭސީ މިލާނުގެ ގެ ޕްރެޒިޑެންޓް ސިލްވިއޯ ބާރލަސްކޯނީ އަހަންނަށް ގުޅާފައި އިއްޔެ އެވާހަކަ ދެއްކުމުން އަހަންނަށް ނުކެރުނު ނޫނެކޭ ބުނާކަށް،" ބޮޓަފޮގޯގެ ހެޑްކުއާޓާގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ސީޑޯފް ބުންޏެވެ.

ސީޑޯފްގެ އެޕޮއިންޓްމަންޓާ ބެހޭގޮތުން މިލާނުން އަދި މިހާތަނަށް އެއްޗެއް ބުނެފައިނުވި ނަމަވެސް، މިދިޔަ ސީޒަންގައި އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސް ލަ ގެޒެއްޓާ ޑެލޯ ސްޕޯޓްސްގައި މިލާނުގެ ކޯޗު ކަމުން މަސިމޯ އެލެގްރީ ވަކިކޮށް ސީޑޯފްއާ އެޓީމު ހަވާލުކުރަން އުޅޭ ކަމަށް ލިޔުނު ހަބަރު މިލާނުން ދޮގުކޮށްފައެއް ނުވެއެވެ. އެއިރު މިލާންގެ ނައިބް ރައީސް އެޑްރިއާނޯ ގަލިއާނީ ވިދާޅުވެފައިވަނީ އެ ކްލަބުން އާކޯޗެއް ހޯދަން މަސަކަތްކުރާއިރު ކޯޗުންގެ ލިސްޓުގައި ސީޑޯފްގެ ނަންވެސް ހިމެނޭނޭ ކަމަށެވެ.

އިޓާލިއަން ލީގުގައި ހޯމަ ދުވަހުގެ ރޭ ސަސުއޮލޯ އަތުން 4-3 އިން އޭސީ މިލާން ބަލިވި މެޗަށްފަހު އެކްލަބުން ވަނީ މަސިމިލިއާނޯ އަލެގްރީ ކޯޗުކަމުގެ މަގާމުން ވަކިކޮށްފަ އެވެ.

ސީޒަން ދެބައިވެފައި ވަނިކޮށް މިލާންގެ ކޯޗުކަމާ ހަވާލުވުމަށް ސީޑޮފް ތައްޔާރުވަމުންދާއިރު އިޓާލިއަން ލީގުގައި އެ ކްލަބު އޮތީ ޗެމްޕިއަން ޔުވެންޓާސްއަށް ވުރެ 30 ޕޮއިންޓު މަދުން ލިބި ތާވަލުގެ 11 ވަނައިގަ އެވެ.

މިލާނުގެ ކޯޗުކަމަށް ސީޑޯފް ހަމަޖައްސައިފި ނަމަ އޭނާގެ ކޯޗު ކަމުގައި އެޓީމު ކުޅޭ ފުރަތަމަ މެޗަކަށް އާދީއްތަ ދުވަހު ހެޔަސް ވެރޯނާއާ ދެކޮޅަށް މިލާން ކުޅެން ހަމަޖެހިފައިވާ މެޗު ވުން ގާތެވެ.

ކުރިން ސަމްޕޯޑިއާ އާއި އިންޓަމިލާނަށް ވެސް ކުޅެފައިވާ 37 އަހަރުގެ މިޑްފީލްޑަރު އަތުގައި ކޯޗު ކަމުގެ ލައިސަންން އޮތްނަމަވެސް ކްލަބެއް ބެލެހެއްޓުމުގެ ތަޖުރިބާ މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިލާންގެ ކުރީގެ ކޯޗު ކާލޯ އެންމެޗެލޮޓީ ބުނީ އެއީ މައްސަލައެއް ނޫންކަމަށެވެ.

"މިއީ މިލާނުން މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރެއް ނޫން. މީގެ ކުރިން ފަބިއޯ ކަޕެލޯ އާއި އަރެގޯ ސައްޗީ ފަދަ ކޯޗުންނާއެކީ ވެސް މިލާނުންވަނީ މި ތަޖުރިބާ ކޮށްފައި. އަދި އެ ދެފަހަރުވެސް ނަތީނާ ވަރަށް ކާމިޔާބު،" ސީޑޯފްގެ އެނައުންސްމަންޓްގެ ކުރިން ރެއާލް މެޑްރިޑްގެ ކޯޗު ބުނެފައިވެ އެވެ.

ސީޑޯފް އަކީ ތަފާތު ތިން ކްލަބެއްގައި ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޝަރަފް ލިބިފައިވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. އެގޮތުން އޭނާ ވަނީ، 1995 ވަނަ އަހަރު އަޔެކްސްގައި، 1998 ވަނަ އަހަރު ރެއާލް މެޑްރިޑްގައި އަދި 2003 އާއި 2007 ވަނަ އަހަރު އޭސީ މިލާންގައި ހުރެގެން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

މިލާނުގައި 2002 ވަނަ އަހަރުން ފެށިގެ 2012 ވަނައަހަރާ ހަމައަށް އޭނާ ހޭދަކުރި މުއްދަތުގައި އެޓީމަށް 432 މެޗު ކުޅެފައިވާ ސީޑޯފް ވަނީ އެ ކްލަބަށް 62 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ބޮޓަފޮގޯގައި ކުޅުން ހުއްޓައިލިކަން އިއުލާނުކުރަމުން ސީޑޯފް ބުނީ، އެ ކްލަބުގައި އޭނާ ހޭދަކުރި ދުވަސް ތަކަކީ، ކޯޗިން ކެރިއަރު ފެށުމަށް ވަރަށް މުހިއްމު ކަންތައްތަކެއް ދަސްވި ދެ އަހަރު ކަމަށެވެ.