ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި މާލޭ ސިޓީ ކައުންސިލް މެމްބަރު ލުފްޝާން ޝަކީބު (ލޫއްޕެ) އާއި އެކު 1000 އަށް ވުރެ ގިނަ މީހުން ޕީޕީއެމަށް ސޮއިކޮށްފި އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ޕީޕީއެމަށް ސޮއިކުރުމަށްފަހު ހުރިހާ ފަރާތަކުން ވަނީއެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ފޯމް ހަވާލުކޮށްފަ އެވެ.

އެ ހަލްލާގައި ވާހަކަފުޅު ދައްކަވަމުން މޫސާ އަލީ ޖަލީލު ވިދާޅުވީ އޭނާ ޕީޕިއެމަށް ސޮއިކުރެއްވީ ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޮތީ ޕީޕީއެމާ ގުޅިގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ލޫއްޕެ ވިދާޅުވީ ޒުވާނުންނަށް އެންމެ ރަނގަޅު މެނިފެސްޓޯއެއް އޮތީ ޕީޕީއެމްގައިކަމަށާއި ކުރިއަށްއޮތް އިންތިޚާބުތަކުގައި އެ ޕާޓީގެ ކެންޕޭން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނައުމަށް ޕީޕީއެމުން ކުރާ މަސައްކަތުގައި ބައިވެރިވވުމަށް އެޕާޓީއާ ގުޅިވަޑައިގަންނަވާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

ޕީޕީއެމުން ގެނެސްދޭނެ ތަރައްގީއަކީ އިސްލާމީ ރިވެތި އުސޫލުތަކުގެމަތިން ގެނެސްދޭ ތަރައްގީއެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި މައުމޫން ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކޮށްދެއްވުމަށް އެ ޕާޓީއަށް ސޮއިކުރި ހުރިހާ ފަރާތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.