ޕީޕީއެމްގެ ފަރާތުން ސޮއިނުކޮށް ހުރި 16 ލިސްޓު ޗެކްކުރަން ބޭނުންވަނީ ދެގަޑިއިރު ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނުގައި އެ ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަސްމަލީ ވިދާޅުވީ 16 ލިސްޓެއްގައި އެ ޕާޓީން ސޮއިނުކުރީ އެ ލިސްޓުތަށް ޗެކްކުރުމަށް އެކަށީގެންވާ ވަގުތު އިލެކްޝަންސް ކޮމިޝަނުން ދީފައިނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ 16 ލިސްޓު ޗެކްކުރުމަށް ބޭނުންވަނީ ދެގަޑިއިރު ކަމަށާއި ޗެކްކުރުމަށްފަހު އެ ލިސްޓުތަކުގައި މައްސަލައެއް ނެތްނަމަ ޕީޕީއެމުން އެ ލިސްޓުތަކުގައި ސޮއިކުރާނެ ކަމަށެވެ.

"ފަހުން ފޮނުވި 16 ލިސްޓުގައި ސޮއިކުރެވޭނީ އެ ލިސްޓުތައް ޗެކްކުރުމަށް ފަހު. ސޮއިކުރެވޭނީ އެކަށީގެންވާ ވަގުތު ލިބިގެން. އެގޮތުން އަޅުނގަޑުމެން ދެންނެވިން އިތުރަށް ދެގަޑިއިރު ދެއްވާށޭ އަޅުގަނޑުމެން ލިސްޓުތައް ޗެކްކޮށް ނިންމާފައި ތިބޭފުޅުންނަށް އަންގާލަ ދޭނަމޭ. އަޅުގަނޑުމެން މިހާރު ވެސް މި ތިބީ ދެގަޑިއިރު ދެއްވައިފިއްޔާ ލިސްޓުތައް ނިންމާލަން" އަސްމަލީ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މިއަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިނުވާ ކަމަށެވެ. އަދި ދުރާލާ އެކަމަށް ތައްޔާރުވިނަމަ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ގައިޑްލައިން އިލެކްޝަން ކޮމިޝަނަށް ދެއްވުމަށްފަހު އަޅުނގަޑުމެން އުއްމީދުކުރީ އިލެކްޝަން ކޮމިޝަނުން އެކަމަށް ދުރާލައި އެކަންތައްތައް ކުރައްވައި ޕާޓީތަކަށް އަންގަވާނެ ކަމަށް. ނަމަވެސް އެގޮތަކަށް ނޫން ކަންތައްތައް ދިޔައީކީ އެއް،" އޭނާ ވިދާޅުވި އެވެ.

އަޝްމަލީ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ރަނގަޅު ލިސްޓެއްވެސް ލިބިފައިވަނީ ތަކުރާރުކޮށް އެކަމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމުން ކަމަށެވެ. އަދި އެގޮތުން ލިބުނު ލިސްޓުގައި ވެސް ތަކުރާރުވެފައި ތިބި ބައިވަރު މީހުންނާއި އެޑްރެސް ނުބައިކޮށް ހުރި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ކޮންމެ ކަމެއްވެސް ކުރައްވަނީ އެންމެ ފަހުވަގުތުގައި ކަމަށް އިޝާރާތްކުރައްވައި އަސްމަލީ ވިދާޅުވީ، އެގޮތަށް އިލެކްޝަނުން ކަންތައްކުރެއްވުމުން އެކަށީގެންވާ ވަގުތު ލިބިގެން ނުދާ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަންގެ ބައެއް އަމަލުތަކުގެ ސަބަބުން ބައެއް ކެންޑިޑޭޓުންނަށް ވެސް އެތަށް ބައިވަރު ގެއްލުންތަކެއް ވާކަމަށް އަސްމަލީ ފާހަގަކުރެއްވި އެވެ.

"މިކަމީ ރޭނގަޑު ދަންވަރު އިއުލާނު ކޮށްލާފައި 24 ގަޑިއިރުގެ ތެރޭގައި ކެނޑިޑޭޓުންތަކުގެ ލިސްޓުތަކުގައި ސޮއިކޮށްގެން އަންނާށޭ ބުނުމުން ވަރަށް ދަތިވާނެ ދެއްތޯ، މިކަންތައްތަކަކީ އީސީ އަށް ފުރުސަތު ލިބި ކުރީގައި ޕާޓީތަކާއި ހިއްސާކޮށް ދުރާލާ އަމިއްލަ ކެނޑިޑޭޓުން ކައިރީގައި އެވާހަކަ ދެއްނެވިނަމަ އެބޭފުޅުންނަށްވެސް ކޮންމެވެސް އިންތިޒާމެއް ހަމަޖައްސާނެ،" އޭނާ ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ކުދި މައްސަލަތަކެއް އުޅޭ ކަމަށާއި ނަމަވެސް އެކަންތައްތައް އިންތިހާބުގެ ކުރިން ހައްލުކުރެވޭނެ ކަމަށެވެ.

ނިހާން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނަށް ނުނިންމޭނެ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން މިހާރު ކުރައްވާ ކަންތައްތައް ރަނގަޅު ކުރުމަށް އިލެކްޝަން ކޮމިޝަންގެ އިސް ބޭފުޅުން ވަކިކުރައްވަންޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

"އެކަމަށް ހައްލެއް ހޯދަން ބޭނުންވަންޏާ އިލެކްޝަން ކޮމިޝަންގެ އިސް ބޭފުޅުން އެބަޖެހޭ އަވަސް މުސްތަގްބަލެއްގައި ބަދަލުކުރަން،" ނިހާން ވިދާޅުވި އެވެ.