14 Jan 2014, 21:52
އިނގިރޭސި ވިލާތުގެ ލިވަޕޫލް ފުޓްބޯޅަ ކުލްބަށް ކުރިން ކުޅުނު ސްޕެއިން ފޯވާޑް ލުއިސް ގާސިއާ އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ގާސިއާ ވަނީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި އިޓަލީގެ އޭސީ މިލާން އަތުން ލިވަޕޫލް މޮޅުވީ ޕެނަލްޓީ ޖަހައިގެން 3-0 ގެ ނަތީޖާއިންނެވެ.
ސްޕެއިންގެ ބާސެލޯނާއިން 2004 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ގާސިއާ ވަނީ، ލިވަޕޫލްގައި ތިން ސީޒަން ހޭދަކޮށްފަ އެވެ. އަދި 2007 ވަނަ އަހަރުގެ ޖުލައި މަހު ލިވަޕޫލް ދޫކޮށް އޭނާ ކުރިން ކުޅުނު ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ދިއުމުގެ ކުރިން ގާސިއާ ވަނީ ލިވަޕޫލަށް އޭނާ ކުޅުނު 121 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 20 މެޗު ކުޅެފަ އެވެ.
ފުޓްބޯޅަ ކެރިއަރު ނިންމައިލުމުގެ ކުރިން ގާސިއާ ވަނީ، އޭނާ މިހާރު ކުޅެމުން އަންނަ މެކްސިކޯގެ ޕޫމާސް ޔޫއެންއޭއެމްގެ އިތުރުން ސްޕެއިންގެ ރޭސިންއާއި ގްރީސްގެ ޕެނަތިނައިކޯސް އެފްސީގެ އިތުރުން މެކްސިކޯގެ ޕުއެބްލާ އެފްސީ އަށް ކުޅެފަ އެވެ.
ގާސިއާ ފުޓްބޯޅަ ކެރިއަރު ނިންމައިލަން ނިންމި އިރު މިހާރުވެސް އޭނާގެ ހިދުމަތް ހޯދުމަށް ޔޫރަޕްގެ ބައެއް ކްލަބުތަކުން މަސައްކަތް ކުރަމުންދާކަމަށް ވެއެވެ.
"އަހަރެން ބޭނުންވީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކުރަން. މިދިޔަ ދުވަސްކޮޅުގައި އަހަރެންގެ ހިދުމަތް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރި ހުރިހާ ކްލަބުތަކަށް ޝުކުރު އަދާކުރަން. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ އަހަރެންގެ ހަޔާތުގެ މި މުހިންމު ސަފްހާ ނިންމައިލައި މުޅިން އެހެން ޗެޕްޓާ އެއް ފަށަން އެންމެ ރަނގަޅު ވަގުތު،" ގާސިއާ ބުންޏެވެ.
ލުއިސް ގާސިއާ ލިވަޕޫލުގައި ހޯދި ކާމިޔާބު ތަކުގެ ތެރޭގައި 2005 ވަނަ އަހަރު ޔޫރަޕިއަން ސްޕަ ކަޕް އާއި 2006 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ހިމެނެ އެވެ.