13 Dec 2010, 08:46
ހަނދަށް އިންސާނުން ފޮނުވައިގެން ހަނދުގައި ބޮޑު މަޝްރޫއެއް ތަންފީޒުކުރަން ފަށަން ގަސްދުކުރާކަން ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާގެ ޖައްވީ އިދާރާ ރުސް ކޮސްމޮސް ބުނިގޮތުގައި މިމަޝްރޫޢު ކުރިޔަށް ގެންދިޔުމަށްހަމަޖެހިފައިވަނީ އިންޑިޔާގެ ޖައްވީ އިދާރާ އިސްރޯއާ އާ ވެސް ގުޅިގެންނެވެ. ރަޝިޔާގެ ޖައްވީ އިދާރާ ރުސް ކޮސްމޮސް އާ ޙަވާލާދީ "ރަޝިޔާ ޓުޑޭ"ޓީވީ ޗެނެލް ބުނިގޮތުގައި އިންޑިޔާއާ ގުޅިގެން ރަޝިޔާ ގެންދަނީ ހަނދުގައި ވަރަށްބޮޑު ރީސާޗް މަޝްރޫޢެއް ހިންގުމަށް ތައްޔާރުވަމުންނެވެ. ރަޝިޔާގެ ރޮސް ކޮސްމޮސްއާއި އިންޑިޔާގެ އިސްރޯ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ނަމަކީ ޗާން ދަރާޔަން އަތްނާން އެވެ. މިމަޝްރޫޢުގެ ތަފްސީލު އަދި ހާމަވެފައެއްނުވެ އެވެ. ނަމަވެސް މިއީ ރޮބަޓާއި އިންސާނުން ބޭނުންކޮށްގެން ހިންގާ ޢިލްމީ ރީސާޗް މަޝްރޫޢެއް ކަމަށް ރަޝިޔާ ޓުޑޭ ޓީވީ ޗެނެލް ޚަބަރުދެއެވެ. ރަޝިޔާއާއި އެމެރިކާގެ ސައެންސްވެރިންގެ ޓީމަކުން ދާދިފަހުން ކުރި ޢިލްމީ ދިރާސާތަކަކުން ދާދިފަހުން ހާމަވެފައިވާ ގޮތުގައި ހަނދުގައި ހަސަތޭކަ މިލިޔަން ޓަނުގެ ގަނޑުފެން އެބަހުއްޓެވެ. ހަނދުގައި މިގަނޑުފެންތައް ހުރިތަންތަންވެސް އެމެރިކާއާއި ރަޝިޔާގެ ސައެންސްވެރިން ފާހަގަކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މި ޙަޤީޤަތްތަކާ ގުޅިގެން އެމެރިކާވެސްވަނީ ހަނދަށް އިންސާނުން ފޮނުވުމުގެ އާ މަޝްރޫޢެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. އެމެރިކާގެ މިމަޝްރޫޢުގެ ބޭނުމަކީ ގިނަ ޢަދަދެއްގެ ބަޔަކަށް ހަނދަށް ދެވޭނެ މަގުތަނަވަސް ކުރުމެވެ. މިކަމަށްޓަކައި ޚާއްސަ ރޮބަޓްތަކެއް އެމެރިކާގެ ފަޒާއާބެހޭ އެޖެންސީ ނާސާއިން ތައްޔާރުކުރަމުން ގެންދާ ކަމަށް ޚަބަރުލިބެއެވެ. އިންޑިޔާއާއި ޗައިނާއަކީވެސް ހަނދަށް އިންސާނުން ފޮނުވުމުގެ ޕްލޭންތަކެއް އެކަށައަޅާފައިވާ ދެޤައުމެވެ. އިންޑިޔާއަކީ ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ޤާބިލްކަން ލިބިގެންވާ ޤައުމަކަށްވިޔަސް އިންޑިޔާއަށް އިންސާނަކު އަދި ފަޒާއަށް ފޮނުވިފައެއް ނުވެއެވެ. ޗައިނާއިންވަނީ މީގެ ހަ އަހަރު ކުރިން އިންސާނަކު ފަޒާއަށް ފޮނުވާފައެވެ. މިކަމުގެ ސަބަބުން ރަޝިޔާއާއި އެމެރިކާ ފިޔަވައި ފަޒާގެ ސައެންސްގައި މިހާރު އެންމެ ބޮޑަށް ކުރިޔަށް ގޮސްފައިވާ ޤައުމަކީ ޗައިނާ ކަމުގައި ވެގެންދިޔައެވެ. އިންޑިޔާއިންވެސް ގެންދަނީ ފަޒާއަށް އިންސާނަކު ފޮނުވުމަށާއި އިންސާނަކަނުލައި ޖައްވީ އުޅަނދެއް ހަނދަށް ފޮނުވުމަށް ތައްޔާރުވަމުންނެވެ. ޗައިނައިންވަނީ ދެހާސް ސޯޅަ ވަނަ އަހަރުގެ ކުރިން އިންސާނަކު ހަދަށް ފޮނުވަން މަސައްކަތްކުރާކަން ހާމަކޮށްފައެވެ. -- ޖަވާދު