14 Jan 2014, 21:02
އއ. އަތޮޅު ސަފާރީ އައިލެންޑު ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާ ދެމަފިރިއަކު ގެނބިގެން މަރުވެއްޖެ އެވެ.
އެ ދެމީހުންގެ މަރު ކަށަވަރުކުރި ޑޮކްޓަރާއި ހަވާލާދީ އދ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ސަފާރީ އައިލެންޑް ރިސޯޓުން ފީނަން ގޮސް އުޅެނިކޮށް ގެނބިގެން ދެމީހަކު މިއަދު އިރު އޮއްސުނުހާއިރު އެ ހޮސްޕިޓަލަށް ގެނެވުނު ކަމަށާއި އަދި އެ ދެމީހުން ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި އެ ދެމީހުން މަރުވެފައިވަނީ ލޮނުބޮވިގެން ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އޮފިޝަލު ވިދާޅުވީ ގެނބިގެން މަރުވެފައިވަނީ ޗައިނާގެ ދެމަފިރިން ކަމަށާއި އެގޮތުން މަރުވެފައިވަނީ 57 އަހަރުގެ އަންހެނެކާއި 67 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ ސްނޯކްލިންއަށް ގޮސް އުޅުނު ދެ ޓޫރިސްޓަކު މަރުވެގެން ފުލުހުންނަށް މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ދެމީހުން ސްނޯކްލިންއަށް ގޮސްއުޅުނީ އެކަނި ކަމަށާއި އެ ދެމީހުން ގެއްލިގެން ހޯދަމުންދަނިކޮށް ރިސޯޓުގެ މީހުންނަށް ފެނިފައިވަނީ އެ ރިޒޯޓާއި 700 ފޫޓު ބޭރުން ކަމަށް ވެސް ސަފާރީ އައިލެންޑް ރިސޯޓާއި ހަވާލާދީ ފުލުހުން ބުންޏެވެ.