ކޮޓަރިން ނުނިކުންނަތާ ތިން ދުވަސް ވީ ފަހުން ފުލުހުން ގޮސް ބެލިއިރު ފާހާނާގެ ތެރެއަށް ވެއްޓިފައިއޮތް ދުވަސްވީ މީހަކު ސަލާމަތްކޮށްފި އެވެ.

އޮރިގާނޯ ރެސްޓޯރެންޓް ހުންނަ، ގ. މެދުމާގޭ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮޓަރިއެއްގެ ފާހާނާތެރޭގައި ވެއްޓި ފައިވަނިކޮށް ފުލުހުން ސަލާމަތްކޮށްފައިވަނީ އެގޭގެ ވެރިފަރާތް ކަމަށްވާ އުމުރުން 70 އަހަރުން މަތީ މުހައްމަދު އިސްމާއިލް އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމީހާ ފެނިފައިވަނީ އޭނާގެ ހަބަރެއް ނުވާތާ ތިން ދުވަސް ވީފަހުން އާންމު މީހަކު ފުލުހުނަށް ރިޕޯޓްކުރުމުން ފުލުހުން މިއަދު ހަވީރު 5:00 ކަންހާއިރު އެ ގެއަށް ގޮސް އޭނާ އުޅޭ ކޮޓަރިއަށް ވަނުމުންނެވެ. ފުލުހުން ދިޔައިރު އެ ކޮޓަރީގައި ހުރީ ތަޅުލާފައި ކަމަށް ވެއެވެ.

އެވަގުތު އެތަނަށް ވަތް މީހަކު ސަން އަށް ކިޔައިދެމުން ބުނީ އެމީހާ ފެނުނުއިރު އޭނާ އޮތީ ނަޖިސްތަކާއެކު ފާހާނާގެ ތެރެއަށް ވެއްޓިފައި ކަމަށެވެ. އަދި އެއިރު މުހައްމަދު އިސްމާއިލްގެ ހާލު ދެރަކަމަށް ވެސް ސަން އަށް މައުލޫމާތި ދިން މީހާ ބުންޏެވެ.

މުހައްމަދު އިސްމާއީލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުންދާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އޭނާ ފެނުނުވަގުތު އޭނާއޮތް ކޮޓަރި އާއި އެގެ ހުންނަ ސަރަހައްދުން ގިނަ އިރުތަކެއް ވަންދެން ކުނި ވަސް ދުވިއެވެ.

އެނގިފައިވާ ގޮތުގައި މެދުމާގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ އެޕާޓްމަންޓްގައި އުޅެނީ ވެއްޓިފައި ވަނިކޮށް ފެނުނު މީހާގެ އިތުރުން ނަފްސާނީ މައްސަލައެއް ހުންނަ އޭނާގެ އަންހެނުންނާއި އެދެމީހުންނަށް ލިބިފައިވާ، އުމުރުން 11 އަހަރުގެ އަންހެން ދަރިއެކެވެ. އަދި އެ ފިރިހެން މީހާގެ އިތުރު ދަރިން ތިބި ނަމަވެސް އެކުދިން ދިރިއުޅެނީ އެގޭގައި ނޫންކަމަށް ވެއެވެ.