ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލް އަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ ދެވަނަ ބޭސިކް ޑައިވިންގ ކޯސް މިއަދު ފަށައިފިއެވެ.

ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިކޯސް ފެށުމުގެ ގޮތުން މިއަދު މެންދުރުފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ޑީޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދެވެ.

މިރަސްމިއްޔާތުގެ ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ކޯހުގެ ހުރިހާ ބައިވެރިންވެސް އަވަށްޓެރި ގައުމުތަކުގެ ބައިވެރިންނާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި އެއްބަޔަކު އަނެއްބަޔަކާއި ރަޙްމަތްތެރިވެ އެގުޅުން ދާއިމީ ގޮތެއްގައި ދަމަހައްޓަން ޖެހޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ކޯހުގެ ހުރިހާ ބައިވެރިންވެސް ވީހާވެސް ބޮޑަކަށް ޑިސިޕްލިންގ ހިފަހައްޓާ ސަލާމަތާއި ރައްކާތެރިކަމަށް ބަލަންޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ހުވާ ލައިދެއްވީ ކޯހުގެ ޗީފް އިންސްޓްރަކްޓަރު ފަސްޓް ލެފްޓިނެންޓް މުހައްމަދު ޝަފީއުއެވެ. އަދި ކޯހުގެ މުދައްރިބުންނަށް ހުވާ ލައިދެއްވީ ކޯސް އޮފިސަރު ފަސްޓް ލެފްޓިނެންޓް ޔޫސުފް ނިޝާރެވެ.

މިމަހުގެ މަހުގެ 14 އިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ކުރިއަށްދާނީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިކޯހުގައި ކިޔަވާ ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގ ގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިން އޮޕަރޭޝަންގައި ޑައިވް އިކުއުޕްމަންޓްސް އެންޑް އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަންއާއި ޑައިވް ޓޭބަލްސް ގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިންގ، ސްވިމިން އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގ، އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނުވެސް މިކޯހުގެ ބައިވެރިންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ މިކޯހުގައި 16 މީހުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން ހަ މީހުން ބައިވެރިވިއެވެ. މިގޮތުން ނޭޕާލް، އިންޑިއާ، ސްރީލަންކާ އަދި ބުރުނާއީގެ އަސްކަރިއްޔާއިން މީހުން ބައިވެރިކޮށްފައިވެއެވެ.

މިކޯހަކީ ރިޔާސީ އާދައުރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ތަކުގެ ތެރޭގައި ހިމެނޭ ދިވެހި ސިފައިންނަށް ތަޢުލީމާއި ތަމްރީން ދިނުމުގެ ނިޒާމް ހަރުދަނާކޮށް ފުޅާކުރުމާއެކު ސިފައިންނަކީ، ގާބިލް ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށް ކަނޑައަޅައިވާ ސިޔާސަތުގެ ދަށުން ހިންގާ ކޯހެކެވެ.