14 Jan 2014, 17:03
ބަޣާވާތަކުން ވެރިކަމަށް އައުމަށް ފަހު މިސްރު ސިފައިންގެ ވެރިޔާ ޖެނެރަލް އަބުދުލް ފައްތާހު އަލް ސީސީގެ އަމުރަށް އެކުލަވާލި ގާނޫނު އަސާސީއާ މެދު އެގައުމުގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ "ފެންނަ ނުފެންނަ" ވޯޓް މިއަދު ނަގަން ފަށައިފި އެވެ.
އަލްޖަޒީރާ ބުނީ ވޯޓްލާ މަރުކަޒުތަކުގައި ގިނަ ބަޔަކު ކިއު ހަދާފައިވާ އިރު ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކުގެ 200،000 މީހުން ނެރެފައިވާ ކަމަށް އެއެޖެންސީ ބުންޏެވެ. އަދި ބުނީ ވޯޓަށް ހުރަސް އެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ އިންޒާރު އަސްކަރީ ސަރުކާރުން ދީފައިވާ ކަމަށެވެ.
ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައި ވަނިކޮށް ވެސް ޖީޒާގެ އިންބާބާ ނަމަކަށް ކިޔާ އަވަށުގައި ބޮމުގެ ހަމަލައެއް ވަނީ ދީފަ އެވެ. ވޯޓްލާން ފެށުމުގެ ކުރިން އެއަވަށުގެ ކޯޓެއްގެ ކައިރީގައި ދިން އެހަމަލާގައި މީހަކަށް ކަމެއް ނުވެ އެވެ. ވެރިރަށް ގާހިރާގެ ކައިރީގައިވާ ފައިއޫމް ނަމަކަށް ކިޔާ ރަށުގައިވާ ޗާޗަކަށް ބަޔަކު ބަޑިން ހަމަލާ ދިން ކަމަށް ވެސް މިސްރުގެ ބައެއް މީޑިއާތަކުން ބުންޏެވެ.
މިއަދު ނަގަން ފެށި ވޯޓަކީ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލި ފަހުން އެގައުމުގައި ނަގާ ފުރަތަމަ ވޯޓެވެ. އަދި މިއީ މިސްރުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ މުހައްމަދު ހުސްނީ މުބާރަކާ ދެކޮޅަށް އެގައުމުގެ ރައްޔިތުން 2011 ވަނަ އަހަރު ތެދުވި ފަހުން އެގައުމުގެ ރައްޔިތުން ވޯޓްލާން ނުކުތް ހަވަނަ ފަހަރެވެ.