ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މޮބައިލް ނެޓްވޯކް ކޮމްޕެނީ، "އުރީދޫ" އިން ޕޯސްޓްޕެއިޑް އަން ލިމިޓްޑް ޕެކޭޖްތަކަށް ބަދަލު ގެނެސް އެ ޕެކޭޖްތައް އަލުން ތައާރަފުކޮށްފި އެވެ.

އުރީދޫ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހްމަދު ދީދީ ވިދާޅުވީ އެ ޕެކޭޖްގެ ދަށުން ތިން ޕެކޭޖެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އެއީ އަން ލިމިޓެޑް ގޯލްޑް، ޕްލެޓިނަމް، އަދި ޑައިމަންޑް އެވެ.

"އަޅުގަނޑުމެން ޕޯސްޓްޕެއިޑް އަން ލިމިޓެޑްގެ ދަށުން މި ތައާރަފްކުރީ ތިން ޕެކޭޖެއް. އެއީ އަން ލިމިޓެޑް ގޯލްޑް، ޕްލެޓިނަމް އަދި ޑައިމަންޑް،" މަރިޔަމް އަހުމަދު ދީދީ ވިދާޅުވި އެވެ.

އެ ތިން ޕެކޭޖަށް ގެނައި ބަދަލާ ގުޅިގެން އަން ލިމިޓެޑް ކޯލްސް، އެސްއެމްއެސް އަދި އޭގެ އިތުރުން 3.5 ޖީބީ އާ ހަމައަށް ޑޭޓާ އެލޮވެންސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިޑީޑީ އަށް ހާއްސަ ޑިސްކައުންޓެއް ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެކޭޖްތަކަށް ގެނައި ބަދަލާ ގުޅިގެން އަގަށް އެއްވެސް ބަދަލެއް އަތުވެދާނެތޯ ނޫސްވެރިން ސުވާލުކުރުމުން މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ "ޕެކޭޖްތަކަށް ގެނެވުނު ބަދަލާ ގުޅިގެން މަހުފީ އަގުހެޔޮވެ އަދި ޕެކޭޖްތަކުގެ ބެނެފިޓް ބޮޑުވެގެން ދާނެ" ކަމަށެވެ.

އަދި އެ ޕެކޭޖްތަކަށް ކަސްޓަމަރުންގެ ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުންދާ ކަމަށް މަރިޔަމް އަހްމަދު ދީދީ ވިދާޅުވި އެވެ.