14 Jan 2014, 16:40
ރިސޯޓްތަކުގައި މުޒާހަރާ ކުރަނީ ސިޔާސީ ބޭނުމަކަށް، ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަދީބް ވިދާޅުވީ ކޮންމެ ފަހަރަކު ވެސް މަޖިލިސް އިންތިހާބާ ދިމާކޮށް ރިސޯޓްތަކުގައި މުޒާހަރާ ކުރުމަކީ ހިނގާ ކަމެއް ކަމަށާއި އެކަން ކުރަނީ ވަކިބަޔަކު ސިޔާސީ ބޭނުމަށް ކަމަށެވެ.
"ރިސޯޓްތަކުގައި މުޒާހަރާ ކުރުމަށް ސިޔާސީ ގޮތަކަށް ބެލެވޭ ޖަމިއްޔާއެއް އޮވެގެން ދަނީ މަސައްކަތް ކުރަމުން. މިކަން ކޮންމެ މަޖިލިސް އިންތިހާބެއްގައި ފެނިގެންދޭ،" އަދީބް ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ މުއައްޒަފުންނަށް ހިތްހަމަނުޖެހޭ ކަމެއްވާ ނަމަ އެންމެ ރަނގަޅުގޮތަކީ މަޝްވަރާކޮށްގެން ނޫނީ ޓޫރިޒަމް މިނިސްޓްރީ އަށް ނުވަތަ ކަމާ ބެހޭ ފަރާތަކަށް މައްސަލަ ހުށައެޅުން ކަމަށާއި ނަމަވެސް އެ މިނިސްޓްރީ އަށް އޭގެ އެއްވެސް މައްސަލައެއް ހުށައަޅާފައިނުވާ ކަމަށެވެ.
އަދީބް ވިދާޅުވީ އެގޮތަށް ރިސޯޓްތަކުގައި މުޒާހަރާކުރުމަކީ އިންވެސްޓާ ކޮންފިޑެންސް އަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ. އަދި މުޒާހަރާ ކުރުމަކީ އެއްވެސް ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ރިސޯޓްތަކުގައި މުޒާހަރާ ކުރުމަކީ މަނާކަމެއް. ސަރުކާރަކުން އިގްތިސާދު ފުނޑުފުނޑުވާތަން ބަލާކަށް ނޯންނާނަން، އަޅަންޖެހޭ ފިޔަވަޅު އަޅާނެ،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
ރީތިރަށް ރިސޯޓްގެ މުވައްޒަފުންގެ ބަޔަކު މަސައްކަތަށް ނުނުކުމެ އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ދޭތެރެ ދޭތެރެއިން ރިސޯޓްތަކުގައި މުޒާހަރާކުރާކަން ފާހަގަވެ އެވެ.
މިއަހަރުގެ ބަޖެޓް ފާސްކޮށްފައިވާ އިރު ދައުލަތަށް އާމްމުދަނީ ލިބޭނެ ބިލްތައް އަދި މަޖިލީހުން ފާސްކޮށްފައި ނުވާތީ އެ މައްސަލަ އަށް ފާޑުވިދާޅުވަމުން އަދީބް ވިދާޅުވީ ސަރުކާރުން ހުށައެޅި ބަޖެޓަށް ވުރެ ހަރަދު ކުރުމުގެ ބަޖެޓް ސަރުކާރުން ހުށައަޅަފައިވާ އިރު އާމްމުދަނީ ހޯދާނެ ބިލް ފާސްނުކޮށްދޭތީ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
"ބަޖެޓް މިއޮތީ އެތައް ތަނެއް ބޮޑުކޮށްފައި، އެހެންކަމުން ކޭޝް ފުލޯ އެބަ ދަތިވޭ ސަރުކާރަށް އެގޮތަށް ބިލްތައް ފާސްނުކޮށްދީ ހުރުމުގެ ސަބަބުން،" އަދީބް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެ ބިލްތައް މަޖިލީހުން ފާސްނުކޮށްދެއްވާތީ ސަރުކާރުގެ ކޭޝްފްލޯ އަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި އެކަންކަން ހައްލުކުރުމަށް އެމްއެމްއޭ އާ މަޝްވަރާކުރަމުންދާ އިރު އިތުރު ގޮތްގޮތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.