14 Jan 2014, 16:18
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް ފާސް ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ނިޒާމީ އޮއިވަރުގެ ތެރޭގައި ނިންމާލައިފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިޅިހުގެ ހާއްސަ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އަދި މިދިޔަ އަހަރުގެ ނިޔަލަށް ހުއްޓުމަކަށް އައިސްފައިވާ ބެޑް ޓެކްސް މި އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ނަގަމުން ގެންދިއުމަށް ސަރުކާރުން ހުށަހަޅާފައިވަ މައްސަލައާ މެދު ބަހުސު ކުރުމަށް ބޭއްވި ޖަލްސާ އެވެ. މީގެ 14 އަހަރު ކުރިން 1999 ވަނަ އަހަރު އަމަލު ކުރަން ފެށި ޓޫރިޒަމްގެ ގާނޫނުގެ 35 ވަނަ މާއްދާގެ ހ.ގައި ބުނެފައިވާ ބެޑް ޓެކްސް ވަނީ މިދިޔަ ޑިސެމްބަރު 31، ނިޔަލަށް ވަނީ ނިމުމަކަށް އައިސްފަ އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބުނެފައިވާ ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ދައްކަން ޖެހޭ ފީ ތިން މަސް ތުވަހުގެ ތެރޭ ދައްކައި ހަލާސް ކުރުމަށް ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިއަދު ހެނދުނު 9،00 ގައި ފެށި މަޖިލީހުގެ ހާއްސަ ޖަލްސާ 9:30 އެހާކަންހާ އިރު މެދުކަނނާލާފައި ވަނީ ސަރުކާރާ އިދިކޮޅު މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް މަޖިލީހުގެ ނިޒާމް ގެއްލުމުންނެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހެނދުނު ދަންފަޅި މެދުކަނޑާލެއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރުމަށެވެ.
މަޖިލީހުގެ ހާއްސަ ޖަލްސާ މެންދުރު ފަހުގެ ދަންފަޅީގައި ސަރުކާރުން ހުށަހަޅާފައިވާ ބިލްގެ ބަހުސް ފެށުމާ އެކު އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އާމްމުދަނީ އާ ބެހޭ ބިލްތަކަށް ތާއިދު ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ އަތުން އިތުރު ޓެކްސް އެއް ނެދުމަށް ތާއިދު ނުކުރައްވާނެ ކަމަށް ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.
އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ސަރުކާރަށް ތާއިދު ކުރާ މެންބަރުން ވިދާޅުވީ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދެން އޮތީ ދައުލަތަށް އާމްމުދަނީ ލިބޭނެ އިތުރު ނިޒާމެއް ގާއިމް ކޮށްގެން ކަމަށެވެ. އެގޮތުން ސަރުކާރުން މަސްވެރިންނަށާއި ދަނޑުވެރިންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ދެވޭނީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް ފާސްވުމުން ކަމަށް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.
އަދި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ދިނުމަށް ޓަކައި ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އާމްމުދަނީ އާއި ބެހޭ ބިލްތައް އަވަހަށް ފާސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި އެ ބިލްތައް ފާސް ނުވެއްޖެ ނަމަ ދައުލަތުގެ ދަރަނި ބޮޑުވެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ސަރުކާރަށް ތާއިދުކުރާ މެންބަރުން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގެ ވަގުތު 2:30ގައި ހަމަވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ނިންމަވާލެއްވިކަށް ރިޔާސަތުން އިއުލާން ކުރެއްވި އިރު ދެން ޖާލްސާ ބާއްވާނެ ދުވަހެއް، އަދި ހާއްސަ ޖަލްސާއެއް އަލުން ބާއްވާނެކަން ނުވަތަ ނޫންކަން ވިދާޅުވެފައެއް ނުވެ އެވެ.