14 Jan 2014, 15:41
ހިދުމަތް ދިނުމުގައި ބަލާ ބައިނަލް އަގުވާމީ ފެންވަރެއް ކަމަށްވާ އައިއެސްއޯ 9001:2008 މިންގަނޑަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ސެޓިފައިވެފައި ވާތީ އެކަން އެ ކޮމިޝަނުން މިއަދު ފާހަގަކޮށްފި އެވެ.
ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނަށް އައިއެސްސޯ 9001:2008 ސެޓްފިކެޓް ލިބިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި އެކަން ފާހަގަކޮށް އެފެންވަރުގެ ޚިދުމަތް އިފްތިތާހު ކުރީ މިއަދު ހެނދުނު ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
ހިދުމަތް ދިނުމުގައި އައިއެސްއޯ 9001:2008 މިންގަނޑަށް ހިދުމަތް ދިނުމުގެ އިގުރާރެއްގައި ކޮމިޝަނުގެ ހުރިހާ މުވައްޒަފުން މިއަދު ވަނީ ސޮއިކޮށްފަ އެވެ.
އިންޓަނޭޝަނަލް ސްޓޭންޑާޑް އޯގަނައިޒޭޝަން ( އައިއެސްއޯ)ގެ 9001:2008 ސްޓޭންޑާޑަކީ ހިދުމަތުގެ ފެންވަރުގެ މިންގަނޑުތަކެކެވެ. އައިއެސްއޯ 9001:2008 ސެޓްފިކެޓް ލިބެނީ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ މިންވަރަށް ހިދުމަތް ދެވޭތޯ ބަލައި، އިދާރީ އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ކޮށްގެންނެވެ.
އައިއެސްއޯ 9000ގެ މިންގަނޑު ފުރަތަމަ ޝާއިއު ކުރީ 1987 ވަނަ އަހަރުއެވެ. އަދި މިހާރު ބޭނުންކުރާ މިންގަނޑު އެންމެ ފަހުން އިސްލާހުކުރީ 2008 ވަނަ އަހަރު އެވެ.