14 Jan 2014, 15:38
އުއްތަމަފަނޑިޔާރު އިސްވެ ހުންނަވައިގެން ރާއްޖޭގެ ރައްޔިތުންގެ ވޯޓަށް އަރައިގަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހެންވޭރު ދަނޑު ސަރަހައްދުގައި ރޭ އެމްޑީޕީން ބޭއްވި ކެންޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިޚާބަކީ އިލެކްޝަންސް ކޮމިޝަނުން ބާއްވަންޖެހޭ އެއްޗެއް ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރު އޭގެ މައްޗަށް އަރައިގަންނަ ކަމަށެވެ.
"އިންތިޚާބަކީ އިލެކްޝަންސް ކޮމިޝަނުން ހިންގާންޖެހޭ ކަމެއް. އެ މައްޗަށް ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރު އަރައިގަތުމުގެ އެއްވެސް މާނައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ ހަލާކުގެތެރެއަށް ވައްޓާލުމުގައި ސުޕްރީމް ކޯޓުގެ ދައުރު އެބައޮތް ކަމަށާއި ރާއްޖޭގެ ތާރީޚުގައި އެކަން ލިޔެވިގެންދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އިންތީޚާބުތައް ބާއްވާ ކަމަށް ވިދާޅުވެ އެފަދަ އިންތިޚާބެއްގައި ބައިވެރިނުވުމަށް ރާއްޖޭގެ ރައްޔިތުންނަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.