ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް، އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ވާހަކަ ދެއްކުމަށް ފަހު އައްޔަންކޮށްފި އެވެ.

އެ ކޮމިޝަންގެ ރައީސަކަށް ކަނޑައަޅާފައި ވަނީ ޔޫސުފް މާނިއު މުހައްމަދު އެވެ. އަދި ނައިބު ރައީސަކަށް ކަނޑައަޅުއްވާފައި ވަނީ ޖިހާދާ އަނީސް އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ރައީސާއި ނާއިބު ރައީސްގެ މަގާމަށް ކަނޑައެޅުއްވި ދެ ބޭފުޅުންގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން 30 ޑިސެމްބަރު 2013 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އެކުލަވާލާފަ އެވެ. އަދި އެމަނިކުފާނު ވަނީ އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ފަސް މެންބަރުން ވެސް ކަނޑައަޅުއްވައިފަ އެވެ.

އެ ކޮމިޝަނުގެ މަސައްކަތްތައް ފެއްޓުމަށް ޓަކައި ހަމަޖައްސަން ޖެހޭ ހުރިހާކަމެއް ވީހާ ވެސް އަވަހައް ހަމަޖެހި މަސައްކަތް ފެށިގެން ދާނެ ކަމުގައި އުންމީދުކުރާ ކަމަށް އެކޮމިޝަނުން ބުނެ އެވެ.