14 Jan 2014, 13:55
ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅި ގއ. އަތޮޅު ކައުންސިލްގެ މިހާރުގެ ނާއިބް ރައީސް މަސްއޫދު އަހްމަދުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ގއ. އަތޮޅު ކައުންސިލް ވިލިނގިލީ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވުމަށް މަސްއޫދު ހުށަހެޅުއްވުމުން އޭނާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުނުކުރީ ރަނގަޅަށް ނޫން ކަމަށެވެ.
މަސްއޫދުގެ ކެންޑިޑެސީ ގަބޫލު ނުކުރާ ކަމަށް ކޮމިޝަނުން ނިންމީ ކްރިމިނަލް ކޯޓުން ދޫކުރި އޭނާގެ ކުށުގެ ރެކޯޑް ފޯމުގައި "ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން، ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ނުވަތަ ނޫންކަން" ޖަހާފައި އޮތް ގޮޅީގައި ރަނގަޅު ފާހަގަ ޖަހާފައިވާތީ ކަމަށް ބުނެ އެވެ.
މަސްއޫދު ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ގާނޫނުގައި އޮތްނަމަވެސް، މަސްއޫދުގެ މައްޗަށް ސާބިތުވެފައި ވަނީ އަންހެނަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ކަމަށެވެ.
ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުމާއި ރުހުމުގައި އެ އަމަލު ހިންގުމަކީ ގާނޫނީ ގޮތުން ދެ ބާވަތުގެ ދެ ކުށެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
މަސްއޫދުގެ ކެންޑިޑެސީ ގަބޫލުނުކުރީ ރަނގަޅަށް ނޫންކަމަށް ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.