14 Jan 2014, 13:47
އަދިވެސް އެންމެ ގިނަ މީހުން ބޭނުން ކުރަމުން ދާ ކޮމްޕިއުޓާ އޮޕަރޭޓިން ސިސްޓަމް ކަމަށްވާ ވިންޑޯސްގެ އާ ވަރޝަން އެއް އަންނަ އޭޕްރިލް މަހު އިއުލާނު ކުރާނެ ކަމަށް މައިކްރޮސޮފްޓް ގެ ހަބަރުތައް ގެނެސްދޭ ނޫސްވެރިއަކު ހާމަކޮށްފި އެވެ.
ވިންޑޯސް އާ ހާއްސަ ގުޅުމެއް އޮންނަ ލިޔުންތެރިއެއް ކަމަށްވާ ޕޯލް ތުރޮޓް އޭނާގެ ބްލޮގުގައި ބުނީ މިހާރު ކޯޑް ނަމަކަށް “ތްރެޝްހޯލްޑް”ގެ ނަން ދެވިފައިވާ ވިންޑޯސް 9 އިއުލާނު ކުރާނީ އަންނަ އޭޕްރިލް މަހު މައިކްރޮސޮފްޓުން ބާއްވާ “ބިލްޑް ޑިވެލޮޕާ ކޮންފަރަންސް” ގައި ކަމަށެވެ. ނަމަވެސް ވިންޑޯސް 9 ބާޒާރަށް ނެރޭނީ އޭގެ އެއް އަހަރު ފަހުން، އޭޕްރިލް 2015 ގައި ކަމަށް ޕޯލް ތުރޮޓް ބުންޏެވެ.
މައިކްރޮސޮފްޓުން 2012 ވަނަ އަހަރު ނެރުނު ވިންޑޯސް 8 އަށް ލިބުނު ތަރުހީބު ކުޑައެވެ. އެޕަލްގެ އައިއޯއެސް އާއި ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްއާ ވާދަކުރުމަށް، ޑެސްކްޓޮޕް އަދި ޓެބްލެޓް ތަކަށްވެސް ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމެއް ތައާރަފްކުރުމުގެ ގޮތުން ނެރުނު ވިންޑޯސް 8 ގެ މެޓްރޯ ޑިޒައިން ވެގެން ދިޔައީ ގިނަ ބަޔަކަށް ބޭނުން ކުރަން އުނދަގޫވި، އޮޅުން ބޮޅުން ތައް ގިނަ ސިސްޓަމަކަށެވެ.
ޕޯލް ތުރޮޓް ބުނިގޮތުގައި މީހުންގެ މެދުގައި ވިންޑޯސް 8 އެހާ މަގުބޫލުނުވި އެއް ސަބަބަކީ ވިންޑޯސްގައި އާއްމުކޮށް ބޭނުންކުރަމުން އައި “ސްޓާޓް މެނިއު” ނެތުމެވެ. އަލަށް ނެރޭ ވިންޑޯސް 9 ގައި މިކަމަށް ހައްލެއް ފެންނާނެކަމަށް ޕޯލް ތުރޮޓް ބުންޏެވެ.
މައިކްރޮސޮފްޓްގެ ސީއީއޯ ސްޓީވް ބަލްމާ ވަނީ ކުންފުނި ދޫކޮށް އިސްތިއުފާ ދޭނެކަމަށް މިދިޔަ އަހަރު އިއުލާނުކޮށްފައެވެ. ބަލްމާ އިސްތިއުފާދޭން ނިންމީ، އަބަދުމެ ބަދަލުވަމުން އަންނަ ކޮމްޕިއުޓަރު އިންޑަސްޓްރީއަށް ޓެބްލެޓް އާއި ސްމާޓްފޯންތައް ތައާރަފުވެ، މައިކްރޮސޮފްޓަށް މި އިންޑަސްޓްރީގައި ދެމިއޮންނަން ބޭނުންވާ ވަރަށް ބަދަލުގެނެވިފައި ނުވާކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތަކަކުގެ ތެރޭގައެވެ. މައިކްރޮސޮފްޓުން މިހާރު ދަނީ އާ ސީއީއޯ އެއް ހޯދަމުންނެވެ.