މިދިޔަ އަހަރުގެ މޮޅުކުޅުންތެރިޔާ އަށް ފީފާ އިންދޭ ބެލޮންޑިއޯ އެވޯޑް ހޯދުމަށް ކުރި ބޮޑު ގުރުބާނީ ކާމިޔާބު ވެއްޖެ ކަމަށް ރެއާލް މެޑްރިޑުގެ ޕޯޗުގީޒް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މިއީ މިއެވޯޑް ރޮނާލްޑޯއަށް ލިބުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ މިއެވޯޑް ހޯދާފައި ވަނީ 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް އޭނަ ކުޅުނު ދުވަސް ވަރު އެވެ.

ސްވިޒަލެންޑުގެ ޒިއުރިކުގައި ރޭ ބޭއްވި ފީފާ އެވޯޑް ނައިޓުގައި ރޮނާލްޑޯއަށް އެ އެވޯޑް ލިބުމަށް ފަހު މީޑިއާތަކުގައި ވާހަކަ ދައްކަމުން އޭނަ ބުނީ، އެވޯޑް ހޯދުމަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ނުހަނު ބޮޑު ގުރުބާނީއެއް ވެވުނު ކަމަށާއި އެވޯޑް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އެވޯޑް ލިބުމުގައި އާއިލާ އާއި ގާތް ރަހުމަތްތެރިނާއި ޕޯޗިގަލްގެ ގައުމީ ޓީމް އަދި ރެއާލްގެ އެންމެހާ ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. މިކާމިޔާބީގެ ފަހަރުގައި ގިނަ ބަޔަކު އެބަތިބި. އެހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރޮނާލްޑޯ ބުންޏެވެ.

މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯ އަށް ލިބުނީ އޭނާއާ ވާދަކުރި އާޖެންޓީނާ އަދި ބާސެލޯނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީގެ އިތުރުން ބަޔާން މިއުނިކުގެ ފްރާންސް ވިންގާ ފްރޭންކް ރިބެރީއާ ވާދަކޮށް 27.99 ޕަސެންޓާ އެކު އެވެ. އަދި ދެ ވަނަ އަށް ދިޔަ މެސީއަށް ލިބިފައި ވަނީ 24.72 ޕަސެންޓެވެ. ތިން ވަނަ އަށް ދިޔަ ރިބެރިއަށް ލިބިފައި ވަނީ 23.36 ޕަސެންޓެވެ.

ގައުމީ ކޯޗުންނާއި ކެޕްޓަނުން އަދި ނޫސްވެރިންގެ ވޯޓުން ދޭ މިއެވޯޑް މީގެ ކުރިން ޖެހިޖެހިގެން ހަތަރު ފަހަރެއްގެ މަތިން މެސީ ވަނީ ހޯދައިފަ އެވެ.

ރޭގެ އެވޯޑް ލިބުނު ރޮނާލްޑޯ މިދިޔަ ސީޒަންގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އޭނަ ވަނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު 59 މެޗުގައި 69 ގޯލް ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި ކޮޕަޑެލްރޭގެ ފައިނަލަށް ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލް ދަތުރުކުރި އިރު ރެއާލް ފައިނަލަށް ދަތުރުކުރި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. މީގެއިތުރުން ވޯލްޑްކަޕް ކޮލިފައިންގައި ނޮދަން އައިލޭންޑް ކޮޅަށް އޭނާ ވަނީ ހެޓްރިކް ހަދާފަ އެވެ.

މީގެ އިތުރުން ރޮނާލްޑޯ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވާލްޑްކަޕަށް ކޮލިފައިވުމަށް ކުޅުނު ޕްލޭއޮފްގެ ފުރަތަމަ ލެގުގެ މެޗުގައި ސްވިޑެންއާ ޕޯޗްގަލް ބައްދަލުކުރި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށް ދިނީ ރޮނާލްޑޯ އެވެ. ދެވަނަ ލެގުގެ މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދާ މި އަހަރު ބްރެޒިލްގައި އޮންނަ ވޯލްޑްކަޕަށް ޕޯޗުގަލް ކޮލިފައިކޮށްދީފަ އެވެ.


ރޭގެ ހަފްލާއެއްގައި ބެލޮންޑިއޯ އެވޯޑު ކާމިޔާބު ކުރި ރޮނާލްޑޯގެ ނަން އިއުލާން ކުރީ ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ޕެލޭ އެވެ. އެވޯޑު ރޮނަލްޑޯއާ ހަވާލު ކުރީ ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ ފީފާގެ ރައީސް ޖޯޒެފް ސެޕް ބްލެޓާ އެވެ.

މީގެއިތުރުން ރޭގެ ހަފްލާގައި ވަނީ މިދިޔަ އަހަރުގެ އެކިއެކި މަގާމްތައް ހޯދި ކުޅުންތެރިންނާއި ކޯޗުންނަށް ވެސް އެވޯޑް ހަވާލްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލަކަށް ހޮވުނީ ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑްކޮޅަށް ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗް ޖެހި ގޯލެވެ. އޭނާ އެގޯލް ޖަހާފައި ވަނީ 40 ޔާޑު ދުރުން އޯވަހެޑަކުންނެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކޯޗަކަށް ޖަރުމަނުގެ ކޯޗު ސިލްވިއާ ނެއިޑް ހޮވުނުއިރު، ފިރިހެން ފުޓްބޯޅަ ކޯޗަކަށް ހޮވުނީ ޔުޕް ހެއިންކެސް އެވެ. ޔުޕް އޭނަގެ ކޯޗްކަމުގައި ބަޔާން މިއުނިކަށް މިދިޔަ ސީޒަންގެ ތިން މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ޖަރުމަންގެ ގޯލްކީޕަރު ނެޑީން އެވެ. މިދިޔަ އަހަރުގެ ފެއާޕްލޭ އެވޯޑް އަފްގާނިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ލިބުނު އިރު މިދިޔަ އަހަރުގެ ފީފާ ޕްރެޒިޑެންޝަލް އެވޯޑް ލިބުނީ އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް ޖޭކް ރޮގޭ އަށެވެ.