14 Jan 2014, 13:42
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މި އަހަރުގެ އެކްޓިވިޓީ ކަލަންޑާ އާންމުކޮށްފި އެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން ގިނަ ހަރަކާތްތަކެއް ކެރަމް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިފައިވާ އިރު މި އަހަރުގެ ކަލަންޑަރުގައި އެންމެ ފާހަގަ ކުރެވިފައިވާ އެއް އިވެންޓަކީ ކެރަމްގެ ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވުމަށް ކަލަންޑަރުގައި ހިމެނިފައިވާ ކަމެވެ. މީގެ އިތުރުން ގިނަ އަހަރުތަކެއް ވަންދެން ބާއްވަމުން އަންނަ ކެރަމްގެ ގައުމީ މުބާރާތަށް ގެންވިފައިވާ ބަދަލުތަކާއި އަދި އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކޮލެޖް ކެރަމް މުބާރާތް ވެސް މި އަހަރުގެ އެކްޓިވިޓީ ކަލަންޑަރުން ފާހަގަކޮށްލެވެ އެވެ.
މި އަހަރުގެ ކެރަމް ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ 19 ފެބްރުއަރީގައި ފެށުމަށް ޝެޑިއުލް ކުރެވިފައިވާ 16 ވަނަ އިންޓަ ސްކޫލް ކެރަމް މުބާރާތުންނެވެ. މި އަހަރުގެ ސްކޫލް މުބާރާތް ނިމުމާ އެކު އެ މުބާރާތުން ފާހަގަކުރެވޭ ކުޅުންތެރިންނަށް އަމާޒުކޮށްގެން ރައިޒިންގް ސްޓާގެ މުބާރާތްތަކެއް ބޭއްވުމަށް ކަނޑައަޅާފައިވެ އެވެ. ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރޭގައި ކުރިއަށް ގެންދާ ރައިޒިންގް ސްޓާރ ފޯރމެޓަށް ބަދަލުތަކެއް ގެނެވިފައިވާ އިރު މިމުބާރާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާޗް އިން އޮކްޓޯބަގެ ނިޔަލަށެވެ.
މީގެ އިތުރުން މިއަހަރު ކޮލެޖްތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އެއްވަނަ އިންޓަ ކޮލެޖް ކެރަމް މުބާރާތަކީ ވެސް ޒުވާން ކުޅުންތެރިން ބިނާކުރުމަށްޓަކައި ކެރަމް އެސޯސިއޭޝަނުން އަޅަމުންގެންދާ ފިޔަވަޅުގެ ތެރެއަށް އިތުރުކުރެވިފައިވާ ބޮޅެކެވެ. އޮގަސްޓު މަހަށް ޝެޑިއުލް ކުރެވިފައިވާ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމަހުގެ 22 އިން 29 ގެ ނިޔަލަށެވެ.
ކެރަމް އެސޯސިއޭޝަނުން ހިންގަމުންދާ މުބާރާތްތަކުގެ ތެރެއިން ވަރަށް ފޯރިގަދަ އަދި ތަރުހީބު އެއް އަހަރަށް ވުރެ އަނެއް އަހަރު އިތުރުވަމުންދާ އިންޓަ އޮފީސް ކެރަމް މުބާރާތް މިއަހަރުވެސް ބޭއްވުމަށް ވަނީ ކަލަންޑަރުގައި ހިމަނާފަ އެވެ. މިގޮތުން ހަތަރުވަނަ އިންޓަ އޮފީސް ކެރަމް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 އިން 30 އެޕްރީލަށެވެ.
މިއަހަރު ސީނީއާ ކުޅުންތެރިންގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ބޭއްވާން ހަމަޖެހިފައި ވަނީ މާޗް 22 އިން 28 ކުރިއަށް ގެންދިއުމަށް ޝެޑިއުލްކޮށްފައިވާ ހަތަރުވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްއެވެ. ސީނިއާ ކުޅުންތެރިންގެ ދެވަނަ މުބާރާތެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ 14 އިން 18 ޖުލައި އަށް ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވާ ހަތަރުވަނަ ރަމަޞާން ކެރަމް ކަޕެވެ.
އަހަރުގެ ތެރޭގައި ބޭއްވޭ ގައުމީ ފެންވަރުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ފަންސަވިސް ވަނަގައުމީ ކެރަމް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ބޮޑެތި ބަދަލުތަކަކާއި އެކު އޮގަސްޓް އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި މިދިޔަ އަހަރެކޭ އެއްފަދަ އިން ރިސޯޓްތަކަށް ކެރަމް ތައާރަފްކުރުމާއި އަދި އަތޮޅު ތެރޭގައި ކެރަމްގެ ހަރަކާތްތައް ހިންގުމަށްޓަކައި ރާވަފައިވާ ބައެއް އިވެންޓުތައްވެސް ވަނީ ކަލަންޑަރުގައި ހިމަނާފަ އެވެ.
ރާއްޖޭގައި ހިންގާ މުބާރާތްތަކުގެ އިތުރުން ބައިނަލް އަގުވާމީ ބޮޑު މުބާރާތެއް ބޭއްވުމަށް ޓަކައި ވަނީ ކެރަމްގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފަ އެވެ. އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ކެރަމް ވޯލްޑް ކަޕް އެވެ. މިމުބާރާތައް ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށްޓަކައި ސިލެކްޝަން މުބާރާތްތަކާއި އަދި ޓްރޭނިންގް ޕްރޮގްރާމްތައް ވެސް ބާއްވުމަށް ވަނީ ކަލަންޑަރުގައި ހިމެނާފަ އެވެ.
ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ކެރަމް މުބާރާތް މިއަހަރު ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު މިމުބާރާތް ވެސް ވަނީ އެސޯސިއޭޝަނުން ބައިވެރިވުމަށް ނިންމާފައިވާ ބައިނަލް އަގުވާމީ އިވެންޓުތަކުގެ ތެރޭގައި އެކްޓިވިޓީ ކަލަންޑަރުގައި ވަނީ ހިމަނާފަ އެވެ.