14 Jan 2014, 13:11
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގަވާއިދާ ޚިލާފަށް 13 މީހަކަށް ވާޒީފާ ދިން ކަމުގެ ތުހުމަތުގައި މަތިދެކުނު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު އުމަރު ޖަމާލާއި ސްޓޭޓް މިނިސްޓަރުގެ ކުރީގެ ނާއިބް މުހައްމަދު ޝަރީފް (ވިލިނގިލީ ޝަރީފް)ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން 2010 ވަނަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް، މަތިދެކުނު ޕްރޮވިންސް އޮފީހަށް ކޮންޓްރެކްޓް އުސޫލުން ލައްވާފައިވާ 17 މުވައްޒަފުންގެ ތެރެއިން ހަތަރު މަސައްކަތު މީހުން ނަގާފައި ވަނީ އިއުލާންކޮށްގެން ކަމުގައި ވީނަމަވެސް އެ ހަތަރު މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން ގެންގުޅެފައި ވަނީ ސިވިލްސާވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަ ނުހޯދައި ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ހަތަރު މަސައްކަތު މީހުން ފިޔަވައި ދެންތިބި މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން ގެންގުޅެފައި ވަނީ އިއުލާންނުކޮށް ކަމަށާއި އެމީހުންނަށް ވަޒީފާ ދިނުމުގެ ކުރިން ސިވިލްސާވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީން ހުއްދަވެސް ހޯދާފައިނުވާ ކަމަށެވެ.
ހަތަރު މަސައްކަތު މީހުން ކޮންޓްރެކްޓް އުސޫލުން ގެންގުޅެފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދާ ޚިލާފަށް ކަމަށާއި އަދި 13 މީހުންނަށް ވަޒީފާ ދީފައި ވަނީ ވެސް ސިވިލްސާވިސްގެ ގަވާއިދާ ޚިލާފަށް ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހަތަރު މަސައްކަތު މީހުން ފިޔަވައި ދެންތިބި 13 މީހުން ވަޒީފާ އަށް ކުރިމަތިލުމުގެ ގޮތުން ސިޓީލާފައި ނުވާ އިރު އެމީހުންނާ އިންޓަވިއުކޮށްފައި ނުވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ސްޓޭޓް މިނިސްޓަރުގެ ނާއިބް މުހައްމަދު ޝަރީފާ ސުވާލުކުރުމުން، އެ ޕްރޮވިންސްގެ މުވައްޒަފުންނާ ބެހޭ ކަންތައް ކުރަމުން ގެންދިޔައީ ސްޓޭޓް މިނިސްޓަރު އުމަރު ޖަމާލު އެންގެވި ގޮތެއްގެ މަތިން ކަމަށް ވިދާޅުވެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެދުވަސްވަރު ޕްރޮވިންސް އޮފީހުގެ މުވައްޒަފުންގެ ކަންތައް ބަލަހެއްޓީ މުހައްމަދު ޝަރީފް ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވާ އިރު، ކޮންޓްރެކްޓް އުސޫލުން ގެންގުޅުނު މުވައްޒަފުންނަށް ވަޒީފާ ދިންކަން އެންގި ކަމުގެ ލިޔުންތަކުގައި ސޮއިކޮށްފައި ވަނީ ވެސް އޭނާ ކަމަށެވެ.
"މި މައްސަލައިގައި މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި އޭރު ހުރި މއ. ތިނަދޫގެ 1 އުމަރު ޖަމާލާއި މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބްގެ މަގާމުގައި އޭރު ހުރި ގއ. ވިލިނގިލީ ގޮންގަޅި މުހައްމަދު ޝަރީފްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ އެވެ." އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.