13 Dec 2010, 08:12
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ޚުދުމުހުތާރު، އެންމެ ކޮރަޕްޓް ވެރިޔާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ތަރައްޤީވެފައިވާ ގައުމުތަކަށް، ރައީސް ނަޝީދަށް ނޭރުއްވޭވަރު ކުރާނެ ކަމަށް ބުނެ ގައުމީ ޕާޓީން އިންޒާރު ދީފި އެވެ.
ރައީސް ނަޝީދުގެ ކުރީގެ އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޚުދުމުހުތާރު ވެރިންނަކީ އަބަދު ވެސް ވެރިކަން ވެއްޓިދާނެ ކަމަށް ބިރުގަންނަ ބައެއް ކަމަށެވެ. އަދި އެފަދަ މީހުން އެންމެ ޖެހިލުންވާނީ ގާނޫނުގެ މަގުން ހިނގުމަށް އަމުރުކުރާ މީހުންދެކެ ކަމަށާއި ރައީސް ނަޝީދަކީ އެފަދަ ބޭފުޅެއްކަމުން އެމަނިކުފާނު ގައުމީ ޕާޓީ ދެކެ ޖެހިލުންވަނީ ގާނޫނުގައިވާ ގޮތަށް ވެރިކަން ހިންގެވުމަށް ގޮވައިލާތީ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދު ގާނޫނާހިލާފަށް ކުރައްވާފައިވާ ކަންތައްތަކެއް ގައުމީ ޕާޓީން ހުއްޓުވާފައިވާކަން ބަޔާންކޮށް އެ ބަޔާނުގައި ގައުމީ ޕާޓީން ބުނެފައި ވަނީ، އެއްވެސް މަގުބޫލު ސަބަބެއް ނެތި ވަޒީރުންގެ މަޖިލީސް އެއްކޮށް އިސްތިއުފާދިނުމުން، ވަޒީރުންގެ މަޖިލީހަކާނުލައި ޤާނޫނު އަސާސީއާ ޚިލާފަށް ސަރުކާރު ހިންގުމާއި ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ގާނޫނާ ޚިލާފަށް ސިޔާސީ ވާދަވެރިން ރަހީނުކޮށް މާލޭގެ މަގުމަށްޗަށް ޓޭންކްތައް ނެރެ މާލެ ނާމާންތަނަކަށް ހެއްދެވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
"ވަޒީރުންގެ މަޖިލީސް އެއްކޮށް އިސްތިއުފާދިނުމުން، ވަޒީރުންގެ މަޖިލީހަކާނުލައި ރައީސް ނަޝީދު، ސަރުކާރު ހިންގަވަމުން ގެންދެވި. ހަތް ދުވަހުގެ ތެރޭގައި އެ މަނިކުފާނު ވަޒީރުންގެ މަޖިލިސް އަލުން އެކުލަވައިލެއްވީ އެ މުއްދަތުގައި އެކަން ނުކުރައްވައިފި ނަމަ، ކޯޓަށް ދާނެކަމުގެ އިންޒާރު ދިނުމުން. ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ގާނޫނާ ޚިލާފަށް ސިޔާސީ ވާދަވެރިން ބަންދުކޮށް، ރަހީނުކޮށް މާލޭގެ މަގުމަށްޗަށް ޓޭންކްތައް ނެރެ މާލެ ނާމާންތަނަކަށް ހެދުމުން އެކަން ހުއްޓުވުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ގައުމީ ޕާޓީން ކުރި މަސައްކަތުގެ ސަބަބުން ނަޝީދަށް މަޖުބޫރުވީ އެފަރާތްތައް ދޫކޮށްލުމަށް. މިއީ ހައްތާ ވެސް ނަޝީދު ގައުމީ ޕާޓީދެކެ ޖެހިލުންވާ ސަބަބުތައް،" އެ ޕާޓީގެ ނޫސްބަޔާނުގައިވެ އެވެ.
ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ، ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށްޓަކައި އިންޓަވިއުތަކާއި ސްޕީޗުތައް ދެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް ގައުމީ ޕާޓީގެ މަސައްކަތުގެ ސަބަބުން އެ ދަތުރުފުޅުގައި ރައީސް ނަޝީދު ވަރަށް ބޮޑަށް ފަލީހަތްވެވަޑައިގެންފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗަޗިލް އާއި އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ރިޗަޑް ނިކްސަނާއި ޖިމީ ކާޓަރު އޮކްސްފޯޑް ޔޫނިއަންގައި ވާހަކަފުޅުދައްކާފައި ވާތީ، އެފަދަ ލީޑަރަކަށް ވެވަޑައިގެނެވުމަށް، ރައީސް ނަޝީދު އެތަނުގައި ވާހަކަ ދެއްކެވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވީ ނަޝީދުގެ ސަރުކާރުގެ ޢަމަލުތަކާ ބެހޭ ގޮތުން ގައުމީ ޕާޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުބެހުމުން. ބީބީސީގެ ހާޑްޓޯކްގެ ޕްރެޒެންޓާ ސްޓެފަން ވަނީ އެ ރިޕޯޓުން ނަޝީދާ ސުވާލުކޮށްފައި. އެ ސުވާލާ ގުޅިގެން ނަޝީދު ހާސްފުޅުވެވަޑައިގެން ހެއްދެވީ އިތުރުފުޅު،" އެ ބަޔާނުގައިވެ އެވެ.
ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ، ބޭރު ދުނިޔޭގައި ރައީސް ނަޝީދުގެ އަޑު ދުވަހުން ދުވަހަށް ފަޑުވަމުންދާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ގަދަރުކޮށް، އިޙްތިރާމުކުރާ މީހުން ރާއްޖެއިން ފެންނަނީ ވެސް ވަރަށް މަދުންކަމަށެވެ. އަދި އޭގެ ދެ އަހަރު ކުރިން އޭޝިޔާގެ އޮބާމާގެ ނަމުން މަޝްހޫރުވެވަޑައިގެންނެވުމަށް ރައީސް ނަޝީދު މަސައްކަތްކުރެއްވި ނަމަވެސް އެމަނިކުފާނު މިހާރު ދުނިޔޭގައި މަޝްހޫރުވަމުން ދަނީ އޭޝިޔާގެ މުގާބޭގެ ނަމުން ކަމަށް ވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގައުމީ ޕާޓީގެ ނޫސްބަޔާނާ ގުޅޭގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމެންޓެއް ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރާ ގުޅިއިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.