14 Jan 2014, 11:31
ބެންކޮކް (ޖަނަވަރީ 14): ތައިލެންޑް ސަރުކާރާ ދެކޮޅަށް ބެންކޮކްގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ކުރިމަތިލުމަށްޓަކައި ފުލުހުންގެ އިތުރުން އެގައުމުގެ 18 ހާސް ޢަސްކަރީ ސިފައިން ވެރިރަށް ބެންކޮކްގެ އެކި ސަރަހައްދުތަކަށް ނެރެފި އެވެ.
މުޒާހަރާތަކުގައ ހިނގާފާނެ ހަމަނުޖެހުންތައް ހުއްޓުވާނެކަމާއި ބާރުގެ ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި އެކަން ވެސް ކުރާނެކަމުގެ އިންޒާރު ތައި ވަޒީރުންގެ މަޖިލީހުން އިއްޔެ ބޭއްވި ކުއްލި ޖަލްސާގައި ބޮޑުވަޒީރާ ޔިންގްލަކް އާއި އެކަމަނާގެ ވަޒީރުން ވެސް ވަނީ ދެއްވާފަ އެވެ.
ހުއްޓުމެއް ނެތި އިދިކޮޅު ފަރާތްތަކުންކުރާ މުޒަހަރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ކެބެނެޓްގެ ކުއްލި ޖަލްސާގައި ސަލާމަތީ ބާރުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ސަރުކާރު ހުއްޓުމަކަށް ގެނައުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ބެންކޮކްގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ސަރުކާރުގެ ބައެއް ޚިދުމަތްތައް ހުއްޓާލަން ޖެހިފައިވާ އިރު ސަރުކާރުން ވަނީ އިގްތިސާދީ ހަރަކާތްތަކާއި ވިޔަފާރީގެ މުޢާމަލާތްތައް ހުއްޓުމަކަށް އައުމުގެ ފުރްސަތު ނުދޭނެކަމަށް ބުނެފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ތައިލޭންޑް ސަރުކާރާ ދެކޮޅަށް ބެންކޮކްގައި މުޒާހަރާ ކުރަމުންދާ އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ ބޮޑު ވަޒީރާ ޔިންގްލަކް ޝިނަވަތްރާ އިސްތިއުފާ ދެއްވުމަށް ފަހު ރައްޔިތުންގެ ކައުންސިލަކުން ތައިލެންޑްގައި ވެރިކަން ކުރުމަށެވެ. މިއީ ދަސްތޫރާ ޚިލާފުކަމަކަށް ވާތީ ތައި ސަރުކާރުން ވަނީ މިކަން ގަބޫލުނުކޮށްފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މިހުށަހެޅުމާ ދެކޮޅު ހައްދަވައި ބޮޑު ވަޒީރާ ޔަންގްލިކް ޝިނަވަޓްރާ ވަނީ އެގައުމުގެ ޕާލަމެންޓް އުވާލައްވައި އަވަސް އިންތިޚާބެއް އަންނަ މަހު ބާއްވާނެކަން އިއުލާނުކުރައްވާފައިވީ ނަމަވެސް އިދިކޮޅު ފަރާތްތައް ވަނީ މިކަން ގަބޫލުކުރުމަށް ދެކޮޅު ހަދާފަ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބެއް ބޭއްވި ނަމަވެސް އެ އިންތިޚާބު ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ. އިދިކޮޅު ފަރާތްތައް ބޮއިކަޓްކުރާ އިންތިޚާބެއްގެ ސަބަބުން ތައިލެންޑްގެ ޕާލަމެންޓް ގާނޫނީ ގޮތުން ފުރިހަމަ ނުވާނެ ކަމަށް ދަސްތޫރީ ތަޖްރިބާކާރުން ލަފާދެއްވާތީ އިންތިޚާބު މި އަހަރުގެ ޖޫން މަހަށް ފަސްކުރުމަށް ތައިލެންޑްގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. ނަމަވެސް މިކަމާބެހޭ ގޮތުން ޔިންގްލަކް އިތުރު ނިންމުމެއް ނިންމަވާފައެއް ނުވެ އެވެ. ނަމަވެސް މިކަމުގައި އިތުރު މަޝްވަރާތައް ކުރުމަށް އިލެކްޝަންސްގެ އޮފިޝަލުންނަށާއި އިދިކޮޅު ލީޑަރުންނަށް ތައި ސަރުކާރުން ވަނީ ދައުވަތުދީފަ އެވެ. (ރޮއިޓާސް)